އަންނަ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރު ދަތުރުކުރަން ނަގާ ޓިކެޓްތަކަށް މިފަހުން ބޮޑު ކުރި ޑިޕާޗާ ޓެކްސް ދައްކަންޖެހޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ފީ ނެގުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ އަހަރުން ފެށިގެން ޓެކްސް އަދި ފީ ނަގާނީ ކަޑައަޅާފައިވާ އާ ރޭޓުތަކަށެވެ.
މި ޓެކްސް ނަގާނީ ޖެނުއަރީ އެއް ވަނަ ދުވަހު ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށް މި ނޮވެންބަރުން ފެށިގެން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.
އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރު ނަގާނެ އެވެ. ބިޒްނަސް ކްލާހުންނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނަގާނެ އެވެ. މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގާނެ އެވެ.
ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

ފަސިންޖަރުން ދަތުރުކުރާ ކްލާސް، މަތީ ކްލާހަކަށް އަޕްގްރޭޑްކުރުމުން ޓިކެޓް ރީއިޝޫ ނުކުރި ނަމަވެސް، އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހެ އެވެ.
އާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނެގޭނެ ޖުމްލަ އަދަދު
- އިކޮނޮމީ ކްލާސް - ދިވެހިން - 24 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
- ބިޒްނަސް ކްލާސް - ދިވެހިން - 120 ޑޮލަރު / ބިދޭސީން 120 ޑޮލަރު
- ފަސްޓް ކަލާސް - ދިވެހިން - 180 ޑޮލަރު / ބިދޭސީން 180 ޑޮލަރު
- ޕްރައިވެޓް ޖެޓު - ދިވެހިން - 240 ޑޮލަރު / ބިދޭސީން 240 ޑޮލަރު
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން، ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރަން ނުޖެހި އަދި ޗެކް އިން ކުރާ ވަގުތު ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކުރުމުން އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޓެކްސް އަދި ފީ ދައްކާކަށް ނުޖެހެ އެވެ.
ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުގައި ފީ ދައްކައިފައިވާ ފަސިންޖަރެއްގެ ދަތުރުކުރާ ކްލާސް، ފަސިންޖަރުގެ އެދިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދަށްކޮށްފިނަމަ، ޓެކްސްއާއި ފީ ދައްކަން ޖެހޭނީ އެ ދަށްކުރެވުނު ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގަ އެވެ.
ފަސިންޖަރުގެ އަތުން ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނަގައިފައިވާނަމަ، އިތުރަށް ނަގައިފައިވާ ޓެކްސްގެ އަދަދު ފަސިންޖަރަށް އަނބުރާ ލިބޭނެ އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއާޕޯޓް ހިންގާ ކުންފުނިތަކާއި، ރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއާލައިންތައް، ނޮވެމްބަރުން ފެށިގެން ޑިޕާޗާ ޓެކްސްއަށް ރަޖިސްޓަރީކުރަން ޖެހެ އެވެ.
ޑިޕާޗާ ޓެކްސް އަށް ރަޖިސްޓާ ވެވޭނީ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގަ އެވެ. އަދި ކޮންމެ އެއާޕޯޓަކާއި އެއާލައިނެއް ރަޖިސްޓަރީކުރާނީ ވަކިންނެވެ.













