މުސާރައިގެ މައްސަލައިގައި އިހްތިޖާޖުކުރުމުގެ ގޮތުން އޮފީސްތަކުގެ މަސައްކަތް ހުއްޓައި ނުލުމަށާއި، ވަކި ބަޔަކު ނޭނގޭ ގޮތަށް ހިންގާ ހަރާތްތަކާއި ދޭ އިރުޝާދުތަކަށް އަމަލުނުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.
މުސާރަ ކުޑަވުމުގެ ކަންބޮޑުވުމާ ގުޅިގެން ބައެއް އޮފީސްތަކުގައި މިއަދު ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ހުއްޓާލާފައި ވަނިކޮށް، ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިހުތިޖާޖުކުރުމުގެ ގޮތުން ވަކި ބައެއް ނޭނގޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުގެ ލޯގޯ ބޭނުން ކޮށްގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކުރަމުން ސީއެސްސީން ބުނެފައިވަނީ، އެ ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ، މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ، ސިވިލް ސާވިސްގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުނެ އެވެ.
ނަމަވެސް، މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭ ގޮތަށް، އެ ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެގޮތުން، "ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.

މިފަދައިން ވަކި ބަޔަކު ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް އެދިފައިވެ އެވެ.
"ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ނަސޭހަތްތެރިވަން،" ބަޔާނުގައިވެ އެވެ.
އިއްޔެއިން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި ބައެއް މުވައްޒަފުން ޑިމާންޑު ކުރަމުން ދަނީ މިނިމަމް ވޭޖަކީ ބޭސިކް ވޭޖެއް ކަމުގައި ހެދުމަށް ކަމަށް ހަރަކާތް އިންތިޒާމުކުރާ މުވައްޒަފުން ބުނެ އެވެ. އަދި ސެޓްފިކެޓް އެލަވެންސް ދިނުމަށް ވަނީ ގޮވާލައިފަ އެވެ.












