ބޮންޑުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް ސިވިލް ސާވީސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ އެ ސާވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިފައިވާ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާއެއްގެ މަގާމަކަށް ބަދަލުވާން އެދޭނަމަ އެކަން ކުރެވޭނެ ކަމަށެވެ.
"އިދާރާއަކަށް ބޮންޑު ބަދަލުކުރުމާ ގުޅޭ އެއްބަސްވުން ބޮންޑު ކުރެވިގެން ކޯސްތަކަށާއި، ތަމްރީނުތަކަށް ފޮނުވާ ސާވިސްގެ މުވައްޒަފުން، އެ މުވައްޒަފު ހުރި މަގާމުން ވަކިވެ، މި ސާވިސް ނޫން ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް ބަދަލުވާން އެދޭ ހާލަތުގައި، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން އިއުތިރާޒް ނުކުރާނަމަ، ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް އެފަދަ މުވައްޒަފަކަށް ބަދަލުވެވިދާނެ،" އެ ސާކިއުލާގައި ބުންޏެވެ.
އެ ގޮތުން މުވައްޒަފު އަދާކުރަމުންދިޔަ ސިވިލް ސާވިސްގެ ވަޒީފާއިން ވަކިވެ، ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުވާ އިރު، ސިވިލް ސާވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް ހިދުމަތް ކުރުމަށް ބޮންޑު ބަދަލުކުރެވޭނެކަމަށް ބުނެފައި ވެ އެވެ.
އެ ކޮމިޝަނުން އެހެން ބުނެފައި ވާއިރު، ސިވިލް ސާވެންޓުން އިއްޔެއިން ފެށިގެން ވަނީ މުސާރަ މައްސަލައިގައި އިހުތިޖާޖެއް ފަށައިފަ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ. ކަޅުހެދުމުގައި އިއްޔެ އޮފީސްތަކަށް ނުކުތްއިރު މިއަދު މަސައްކަތް ނުކުރަން އެ މުވައްޒަފުން ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކާ ހިއްސާކުރި ޕޭ ކޮމިޝަންގެ ބަޔާނެއްގައި ބުނެފައިވަނީ މުސާރައިގެ އާ އޮނިގަނޑާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.












