ކ. ރަސްފަރީ ފަރަށް އެރި ނަވިއޯސް އަމާރީލިސް ބޯޓުން ފަރަށް ލިބުނު ގެއްލުން ބަލައި ނުނިމޭ ކަމަށާއި މައްސަލަ ނިމުމުގެ ކުރިން ބޯޓަށް ފުރޭނީ މިހާރު ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓްގެ އިތުރަށް، 9 މިލިއަން ރުފިޔާ ދައްކައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ގްރީކުގެ ބިޔަ ކާކޯ ބޯޓު، ރަސްފަރީ ފަރަށް އޯގަސްޓް 19 އެރީ އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އެފްރިކާ އަށް ދަތުރު ކުރަމުން ދަނިކޮށް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު ނިއްވާލުމުން އޮޔާ ދެމެމުން އައިސްއެވެ. ދިހަ ދުވަސް ފަހުން ބޯޓު ފުންކުރީ ސްރީ ލަންކާއިން ބޮޑު ދެ ޓަގު ބޯޓު ނެގެސްގެންނެވެ.
މިހާރު އެ ބޯޓު އޮތީ، މައްސަލަ ނިމެންދެން މާލޭގެ ބޭރުގައި ބަނދަރުކޮށްފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ މެރިޓައިމް ޑިޕާޓްމެންޓުގެ ހެޑް، ކެޕްޓަން އާދިލް ރަޝީދު "އަދަދު" އަށް ވިދާޅުވީ ފަރަށް ލިބުނު ގެއްލުންތައް ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ނިންމުމަށް ރޭވި ކަމަށާއި ނަމަވެސް، މަސައްކަތް ދިގު ލައިގެން ގޮސްފައި ވަނީ މޫސުން ގޯސްވުމުން ކަމަށެވެ.

މީގެ 28 އަހަރުކުރިން، 1993 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ތިމާވެއްޓާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، އާއްމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތައް ފިޔަވައި، ގާނޫނާ ހިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ، އެކަމެއްގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެކަމެއްކުރި ފަރާތެއް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އެހެންވެ، ނަވިއޯސް އަމާރީލިސް ބޯޓު ފަރަށް އެރި މައްސަލަ ނިމުމުގެ ކުރިން، އެ ބޯޓު ފުރައިގެން ދާން ބޭނުން ވެއްޖެނަމަ ދެ ގޮތެއް މިނިސްޓްރީން ނިންމައި، ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
އެއީ ގާނޫނުގައި ބަޔާންކުރާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ، ޑިޕޮސިޓެއްގެ ގޮތުގައި ބެހެއްޓުމާއި މި މައްސަލައާ ގުޅިގެން ނަގަންޖެހޭ ގާނޫނީ ޒިންމާ ނަގާނެ ކަމަށް ކުންފުނީގެ ފަރާތުން ދޭ ލިޔުމާއެކު 9.14 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބެހެއްޓުން ކަމަށް އާދިލު ވިދާޅުވި އެވެ.
"ޑިޕޮސިޓްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުންނަ ޕަބްލިކް ބޭންކް އެކައުންޓަކަށް ޖަމާކުރުމުން ފުރައިގެން ދެވޭނެ. އަދި ފުރައިގެން ދިއުމުގެ ކުރިން ލެޓާ އޮފް އަންޑަޓޭކިން ގާނޫނުގައި ބުނެފައިވާ އެންމެ މަތީ އަދަދު ދައްކަންޖެހޭ،" އާދިލް ވިދާޅުވި އެވެ.
ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް ކަނޑައަޅާ ޖޫރިމަނާގެ މިންވަރު، ޑިޕޮސިޓަށް ބެހެއްޓި ފައިސާގެ އަދަދަށް ވުރެ ކުޑަ ނަމަ، ބާކީ ފައިސާ އަނބުރާ ހަވާލުކުރާނެ ކަމަށް އާދިލު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 32،000 މެޓްރިކްގެ މި ބޯޓު ފަރަށް އެރުމުގައި ކެޕްޓަންގެ އިހުމާލު އޮތްކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.













