ލަންޑަން (ސެޕްޓެމްބަރު 18) - އިންގްލެންޑްގެ ތިން އުމުރުފުރާ ގައުމީ ޓީމަކަށް ކުޅެފައިވާ ވިންގް، ފަބިއޯ ކަވާލިއޯ އަށް ޕޯޗުގަލް ގައުމީ ޓީމަށް ކުޅުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 19 އަހަރުގެ ކަވާލިއޯ ވަނީ އިންގްލެންޑްގެ 16، 17 އާއި 18 އަހަރުން ދަށުގެ ޓީމަށް 20 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.
މިދިޔަ ސީޒަނުގައި ކަވާލިއޯ ވަނީ ޕްރިމިއާ ލީގުގައި ފުލަމްގެ ހަތަރު މެޗެއްގައި ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ސައުތެމްޓަން ކޮޅަށް ގޯލު ވެސް ޖެހި އެވެ. މި ސީޒަން ފެށި ފަހުން އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގައި ފުލަމް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗެއްގައި ފުރަތަމަ އެގާރައިގައި ކުޅެ، ކަވާލިއޯ ވަނީ ތިން ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ޕޯޗުގަލްގެ ލިޒްބަން އަށް އުފަން ކަވާލިއޯ ހުރީ އިންގްލެންޑް ސީނިއާ ޓީމުގެ ހުށަހެޅުމެއްގެ އިންތިޒާރުގަ އެވެ. އެކަމަކު، މިހާރު ޕޯޗުގަލް 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުން ޖާގަ ދިނުމުގެ ޕްރޮޕޯސަލެއް ކަވާލިއޯ އަށް ލިބުމުން އޭނާ މިހާރު އަންނަނީ ޕޯޗުގަލް އަށް ކުޅެން ވިސްނަމުންނެވެ.
ފަަހަކަށް އައިސް އިންގްލެންޑްގެ ގިނަ ޒުވާން ކުޅުންތެރިން އަންނަނީ ފުރުސަތު ނުލިބޭތީ އެހެން ގައުމުތަކަށް ކުޅެން އިހުތިޔާރު ކުރަމުންނެވެ. އެ ގޮތުން މިދިިޔަ އަހަރު ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ ވަނީ ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމައި ރަސްމީ މެޗުތަކެއްގައި ވެސް ކުޅެފަ އެވެ. އަދި ޔޫނުސް މޫސާ ވަނީ އެމެރިކާ ޓީމަށް ކުޅެން ނިންމައިފަ އެވެ.
ގޮތެއް ނުނިމި ތިބި އިނގިރޭސި ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު، ޗެލްސީގެ ކަލުމް ހަޑްސަން އޮޑޯއި އަށް ވަނީ ގާނާ އަށް ކުޅެން ފުރުސަތު ލިބިފަ އެވެ. އޭނާ ވަނީ ސީނިއާ ޓީމުގެ ތިން މެޗެއްގައި ވެސް ކުޅެފަ އެެވެ. މެންޗެސްޓާ ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ވެސް އަންނަނީ ކޮންގޯ ގައުމީ ޓީމަށް ކުޅެން ވިސްނަމުންނެވެ. އަދި ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި ވެސްޓް ހޭމްގެ މިކޭލް އެންޓޯނިއޯ އަށް ވަނީ ޖެމެއިކާ ގައުމީ ޓީމަށް ކުޅެން ހުށަހެޅުން ލިބިފަ އެވެ.












