އެޑިޔުކޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައްވައިފި އެވެ.
މުހިއްމު ބަދަލުތަކަކާއެކު "ތައުލީމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
އެ ބިލުގައިވާ ގޮތުން ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަންޖެހެ އެވެ.
އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެވެ. އެ ރަޖިސްޓްރާއަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެ އެވެ.
ތައުލީމުގެ ގާނޫނުގާވާ ފަދައިން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ގާނޫނުގައި ބަޔާންކުރާ ބޯޑު ގައި ހިމެނޭ މެމްބަރުންނަކީ:

- ރަޖިސްޓްރާ: އާއިޝަތު އާތިޔާ ނަސީރު، މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން.
- އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރު.
- ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރު.
- ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު.
- ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިޔުކޭޝަން އޮފިސަރު.
މި ބޯޑު އެކުލަވާލުމަށްފަހު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.













