ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފައްދާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށް, ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޮކްޓޫބަރު 19، 2019ގައި ވުޖޫދުވި އެމްއާރްއެމްއަށް މިހާރު ވަނީ 3,000 މެންބަރުން ހަމަވެފަ އެވެ. މިހާރު އެ ޕާޓީ ހިންގަމުން ދަނީ އިންތިގާލީ ކޮމިޓީއަކުންނެވެ. ކޮންގްރެސްއާ ހަމައަށް ދެމި އޮންނަ އެ ކޮމިޓީގެ ރިޔާސަތުގައި އިންވަނީ ރައީސް މައުމޫނެވެ.
އޭގެއިތުރުން ކޮމިޓީގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި އެކަމަނާގެ ބޭބެ, އައްބާސް އިބްރާހިމާއި ރައީސް މައުމޫންގެ ދެ ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި ޔުމްނާ މައުމޫން ތިއްބަވަ އެވެ.
އެމްއާރްއެމްގެ ފުރަތަމަ ކޮންގްރެސް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެހެންވެ, ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ ޕާޓީން ވަނީ ޕާޓީގެ ޒައީމްގެ މަގާމަށާއި، ޕާޓީގެ ރައީސް، ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކެޓިވް ކޮމިޓީގެ އަންހެން 10 މެމްބަރުންނާއި ފިރިހެން 10 މެމްބަރުން ހިމެނޭ ގޮތަށް އިންތިހާބުކުރާ 20 މަގާމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

އަދި ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ވެސް ވަނީ ހުޅުވާފަ އެވެ.
އެމްއާރްއެމްއިން ބުނީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށެވެ. އަދި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.












