ކޮވިޑާ ގުޅިގެން މާލެ ސިޓީގެ މަގުމަތީގައި ކުނި ބަހައްޓައިގެން ނަގަމުން އައި އުސޫލު ބަދަލުކޮށް, މި މަހުގެ 15 އިން ފެށިގެން ގޭގެ އެޕާޓުމެންޓު ދޮރުމަތިން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސައިފި އެވެ.
މާލޭގެ ކުނި މެނޭޖްކުރަން ހަވާލުކޮށްފައިވާ ވެމްކޯއިން މީގެ ކުރިން ގޭގެއަށް ގޮސްގެން ކުނި ނަގަމުން އައި ނަމަވެސް، ކޮވިޑާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ގޭގެއަށް ނުވަންނަގޮތަށް ހަމަޖެއްސި އެވެ.
އޭގެ ފަހުން މަގުމައްޗަށް ކުނި ނެރެގެން ނަގަމުން އައިސް އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކުނި ނަގާގޮތަށް ހަމަޖެއްސީ މިދިޔަ މަހު 31ގަ އެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް އަލުން ހަމަޖައްސަން ނިންމީ ކުނި ނެގުމުގެ ހިދުމަތަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުނި ނެގުމުގެ ހިދުމަތް ދޭ އުސޫލުން ހިދުމަތް ދިނުން ބަދަލު ކުރުމަށް ކަމަށެވެ.
އެގޮތުން ހަރުދަނާ ފިޔަވަޅުތަކަކާއެކު ޒަމާނީ ފެންވަރުގައި ދެވޭ ހިދުމަތަކަށް ކުނި ނެގުމުގެ ހިދުމަތް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޭބިސީއަކަށް ވަދެ ސިޑިތަކުން ކުނި އުފުލަން މި ޖެހެނީ. އެއްވެސް ގެ އެއްގެ ސާވިސް ލިފްޓެއް ބޭނުން ކުރުމަށް ހުއްދަ ދީފައެއް ނުވާނެ. ވަރަށް މަދު ގެ އެއްގަ މެނުވީ،" އާދަމް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ދެން ކުނި ނެގުމުގެ ހިދުމަތް ދެމުން ގެންދާނީ އެ ކުންފުނީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ކުނި ނަގަން ފަށާނީ އިރުއޮއްސި 6:00ގަ އެވެ. އަދި ރޭގަނޑު 11:00އާ ހަމައަށް ވެމްކޯއިން ކުނި ނަގަމުންދާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ކޮންޓްރެކްޓް އެއްބަސްވުމެއް ނެތް ގޭބަސީތަކަށް ވަނުމުގެ އެެއްވެސް ހައްގެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ހާއްސަކޮށް މިހިން ފަންގިފިލާތަކަށް އަރާ ގޭބިސީތަކުގެ ޑޯ ސްޓެޕުން ކަލެކްޓު ކުރުން،" އާދަމް ވިދާޅުވި އެވެ.
މީގެ ކުރިން ވެމްކޯއިން އައީ ބިލް ނުދެއްކޭ މީހުންނަށް އީ ކާޑެއް މެދުވެރިކޮށް އަމިއްލައަށް ސައިޓަށް ގޮސް ކުނި އުކާލުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް އެެކަމުންވެސް ނާޖާއިޒް ފައިދާ ނަގަމުންދާތީ އެ ހިދުމަތްވެސް ހުއްޓަލަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
"އެ ފަދަ ބޭފުޅުންނަށްވެސް ވެމްކޯގަ ރަޖިސްޓްރީ ކުރެވިގެން ކުނި އުކާލުމުގެ ފުރުސަތު ދެން ދޭނީ. ވެމްކޯއަށް އެޕްލައި ކުރެވިގެން ދެން އަޅުގަނޑުމެންނަށްވެސް އެއާމެދު ގޮތެއް ނިންމޭނީ،"
"ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ މިކަމުންވެސް. ހާއްސަކޮށް ކުދި ވިޔަފާރިތަކުން. އާންމު ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައި ކުނި އުކަމުން ދިޔައީ. އާންމުންގެ މީހަކު ނާންނާނެ ބޮޑެތި ފޮށިގަނޑު ހިފައިގެން ކުނި އުކާކަށް. 90 ޕަސެންޓަކީ ފިހާރަތަކުން ގެންނަ ފޮށިގަނޑުތައް." އާދަމް ވިދާޅުވި އެވެ.













