ސްކޫލުތަކުގެ ބެެލެނިވެރިން ކޮވިޑް ވެކްސިން ފުރިހަމަކުރުމުން ދޫކުރަން ނިންމާފައިވާ ގްރީން ކާޑުތައް އަންނަ ހަފްތާގެ ނިޔަލަށް ހުރިހާ ސްކޫލުތަކުން ދޫކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދޫކުރާ ވެކްސިން ކާޑު ސްކޫލުތަކަށް ހުށަހެޅުމުންނެވެ.
ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުން ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ޖެހުމަށް ސްކޫލްތަކުން ވަނީ އެދިފަ އެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މިނިސްޓްރީން ނިންމީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން މި މަހުން ފެށިގެން ސްކޫލްތަކަށް ނުވެއްދުމަށެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އަންނަ ހަފްތާގެ ނިޔަލަށް ހުރިހާ ސްކޫލުތަކުން ކާޑުތައް ދޫކޮށް ނިމޭނެ ކަމަށެވެ.
މި މަހުގެ އެކެއްގެ ނިޔަލަށް އިން ނަމަވެސް އަންނަ ހަފްތާއަށް ފަސްކޮށްފައި ވަނީ އާބާދީގެ ނިސްބަތުން ބޮޑެތި ސްކޫލުތަކުގައި ލަސްތަކެއް އުޅޭތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބެލެނިވެރިންނަށް ވެކްސިން ފުރިހަމަ ކުރުމުން ކާޑެއް ދޫކުރާއިރު، ވެކްސިން ފުރިހަމަ ނުކުރާާ ބައެއް ޓީޗަރުން ވަނީ އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ވެސް އެކެހެރިކޮށްފަ އެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަަނަ ދުވަހެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިހާތަނަށް 32،554 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާއިރު އެއީ 12 އަހަރާއި 17 އަހަރާ ދެމެދު އާބާދީގެ 90 ޕަސެންޓަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓްރީން އިން ފާހަގަކޮށްފައިވެ އެވެ.
މިހާތަނަށް 190 ސުކޫލެއްގައި ވެކްސިން ޕްރަގްރާމް ކުރިއަށް ގެންދެ އެވެ.













