ލޮނުމަހުގެ ނަމުގައި ރާއްޖޭން ބޭރުކުރަން އުޅެނިކޮށް ފޮށިގަނޑުތަކެއްގައި ބަންދުކޮށްފައި ހުރި 243 ކިލޯގެ މިޔަރު އުރަހަތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރު ކުރަން އުޅުނިކޮށް ކަމަށެވެ. އެ މިޔަރު އުރަހަތަކުގެ ބަރުދަނުގައި ޖުމުލަ 243 ކިލޯ ހުރި އިރު ބަންދުކޮށްފައި ހުރީ 14 ފޮށިގަނޑުގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އިން ކަމަށާއި މައްސަލައިގެ ތަހުގީގި ކުރިއަށްދާ ކަމަށް އެ ދެ އިދާރާއިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ވަގަށް ބޭރުކުރަން އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ހިފަހައްޓާފައި ވަނީ 21 ފޮށި ގަނޑުގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަ އެވެ. އޭގެ ތެރޭގައި ލޮނު އެޅި މިޔަރު މަސް ވެސް ހުއްޓެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަމުންދިޔަ ހަތަރު މީހަކު މަސްވެރިކަން ކުރި އޮޑިއާއެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ދޯނި ބަލާ ފާސްކުރި އިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނުނެވެ.

އެ މައްސަލާގައި ވަނީ ދައުވާ ވެސް ކޮށްފަ އެވެ.











