ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނެމާގެ އެމް. ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ފުން ކުރެވުނަސް ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީ ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އާދެވުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ބުރާސްފަތިދުވަހު އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓުކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.
ބޯޓު ފުންކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ އަކާ ގުޅިގެން އިންޖީނު ހުއްޓުމުން ކަމަށެވެ.
ހަމަދު ވިދާޅުވި ގޮތުގައި ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ޑްރިފްޓްވެގެން ކަމަށާއި އެ ހާދިސާގައި ކެޕްޓަންގެ އިހުމާލު އޮތް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ ބޯޓު ފަރަށް އެރުމުން ލިބިފައިވާ ގެއްލުންތައް ސާފުވެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދެއް އެނގެންދެން ބޯޓު ފުރުން މަނާކޮށް މިކަމާ ގުޅޭ ހާއްސަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކެޕްޓަން ނެތް އިންޖީނަށް މައްސަލަ ދިމާވުމުން އެއްވެސް ފަރާތަކަށް ރިޕޯޓްކޮށްފައެއް. އަނެއްކާ ފަރަށް އެރުމުގެ ކުރިން ބޯޓު ފަރަށް އެރުން ހުއްޓުވުމަށްޓަކައި ނަގިލިލާ އުޅަނދު ފަރުން ސަލާމަތް ކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި،" ހަމަދު ވިދާޅުވި އެވެ.
އެ ބޯޓަކީ އިންޑިއާގެ ދުޝްޕަރަން ބަނދަރުން ފުރައިގެން ސައުތް އެފްރިކާގެ ސައުދާނަލް ޕޯޓަށް ދަތުރުކުރަމުން ދިޔަ އިނާސެޓް ޕެސެޖްގެ މަގުން ޓްރާންސިޓް ކުރަމުން ދިޔަ އުޅަނދެއްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
އީޕީއޭން ބުނީ ރަސްފަރި ފަރަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ހޯދޭނީ ބޯޓު ފުންކުރުމުން އެ ސަރަހައްދު ބެލުމުން ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އެއްޗެއްް ވެސް އެނގޭނީ ބޯޓު އޮތް ސަރަހައްދު ފީނައި ބެލުމަށްފަހު ހަދަންޖެހޭ ރިޕޯޓްތައް ހެދުމުންނެވެ.
ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެ ވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. އެކަމަކު ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ.
މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.













