އޮޅުވާލައިގެން ޓްރެފިކް ކުރި 180 ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ މިއަދު އަނބުރާ ފޮނުވާލައިފި އެވެ.
މިއަދު ރާއްޖެއަށް ޓްރެފިކް ކުރި 180 މީހުން އަނބުރާ ފޮނުވާލާފައިވާކަން "އަދަދު" އާ ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ހަނަފީ ވިދާޅުވީ ކުޑަބޮޑު އަދި ދެ ޖިންސުގެ މީހުން ހިމެނޭ ގޮތަށް އެއް ބޯޓެއްގައި އައި އެމީހުން ރާއްޖެ އެތެރެ ނުކުރީ "ވިސާ ރިކުއަމަންޓްސް ހަމަނުވާތީ" ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއަދު އައި މީހުންނަށް ހަދާފައި ހުރީ ނުބައި ހޮޓެލް ބުކިންތަކެކެވެ. އެގޮތުން ފަސް މީހުންގެ ޖާގައިގެ ތަންތަނަށް 50 މީހުން ބުކްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު ފްލައިޓުން އައި 180 މީހުން ފޮނުވާލާފައިވާއިރު ވަރަށް ގިނަ އަދަދެއްގެ އިންޑިޔާ ރައްޔިތުން އޮޅުވާލައިގެން ދަނީ ރާއްޖެ އެތެރެ ކުރަމުންނެވެ.
ރޭ ރާއްޖެ އައި ބަޔަކަށް ފަސް ތަރީގެ ހޮޓަލެއް ކަމަށް ބުނެ ބުކިން ހައްދާފައި އޮތީ ފަޅު ގެއެއްގެ ނަމުގަ އެވެ. އެ 27 މީހުންނަށް މިހާރު ކަމާގުޅޭ އިދާރާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެ މައްސަލައިގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ޓުއަރިޒަމް ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށް ބުނެފަ އެވެ.













