އޭނާގެ އުމުރުން އެންމެ 10 އަހަރެވެ. އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެކަމަކު އެންމެން ހައިރާންކޮށްލުމަށް ފަހު، އައިޖީއެސްސީގެ ކެމިސްޓްރީ ޓެސްޓުގައި ބައިވެރިވެ އޭ ސްޓާއެއް މިވަނީ ހޯދައިފަ އެވެ. ހުޅުމާލޭ ހުރަވީ ސްކޫލްގެ ރަޔާން ރިޔާޒް އަބްދުލްވާހިދު މި ހޯދީ އެ އުމުރުގެ ކުއްޖަކާ ބަލާއިރު އާދަޔާހިލާފު ކާމިޔާބެކެވެ.
"ހާއްސަ އެހީއަށް ބޭނުން ވުމަކީ ބާކީ ކުރަން ޖެހޭ ސަބަބެއް ވެސް ނޫން. ފުރުސަތު ދީ އެފަދަ ކުދިންނަށްވެސް ބޭނުންވާ ވަރަށް އަޅާލާ އެހީތެރިކަން ދީފިނަމަ ކޮންމެ ކަމެއް ވެސް ވާނެ،" ރަޔާންގެ މަންމަ ހއ. އިހަވަންދޫ އަށް އުފަން އައިޝަތު ޔުމްނާ ބުންޏެވެ.
އޯޓިޒަމް ހުންނަ ރަޔާންގެ ހިތުގައި ކެމިސްޓްރީއަށް އޮންނަ ލޯބީގެ ފެށުމަކީ، މިދިޔަ 11 އަހަރު ސްކޫލުގައި އެ މާއްދާ ކިޔަވައިދިން އޭނާގެ މަންމަ އެވެ. ޔުމްނާ ކިޔަވައިދޭން ގެންގުޅޭ ފޮތްތަކަށް ރަޔާންގެ ޝައުގުވެރިކަން އުފެދުނެވެ. އެންމެ ތުއްތު އިރުން ފެށިގެން ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިކަން ހުންނަ ރަޔާން ކިޔަން ދަސްކުރި ހިސާބުން ފެށިގެން "ދިރިއުޅެމުން" އައީ އެ ފޮތްތަކުގެ ތެރޭގަ އެވެ.
"އެންމެ ތުއްތު އިރުން ފެށިގެން ވެސް ކިޔަވައިދޭއިރު އިންނާނެ ކައިރީ ބަލަން. ފޮތް ކިޔަން ދަސްވި ހިސާބުން ފެށިގެން ވެސް އަމިއްލައަށް ވެސް ފޮތް ނަގައިގެން ކިޔާނެ،" އިހަވަންދޫގައި ދިރިއުޅުނު ދުވަސްތަކުގެ މަތިން ޔުމްނާ ހަނދާންއާކުރި އެވެ.
ކެމިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުއްޖަކަށް ވުމުން ޔުމްނާ ވެސް ނިންމީ ދަރިފުޅަށް އެ މާއްދާ ކިޔަވައިދޭށެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސްކޫލް ޗުއްޓީގައި ގްރޭޑް 8 ގެ ޓެކްސްޓް ފޮތުން ދެ ތިން ޓޮޕިކެއް ކިޔަވައިދިނެވެ.

އެކަމަކު އޭރު އިމްތިހާނެއްގައި އޭނާ ބައިވެރިކުރުމުގެ ހިޔާލެއް ޔުމްނާ ނުގެންގުޅެ އެވެ. އެކަމަކު ފަހުން 2019 ވަނަ އަހަރު ދިރިއުޅުން މާލެ އަށް ބަދަލުކޮށް، މިދިޔަ އަހަރު ލޮކްޑައުންގައި ޔުމްނާ ނެގި އޮންލައިން ގަޑިއެއްގެ ތެރެއިން އަޖުމަ ބެލުމުގެ ގޮތުން ޕާސްޓް ޕޭޕާއަކުން ޓެސްޓެއް ދިނެވެ.
"އިމްތިހާނަށް ކުދިން ތައްޔާރު ކުރާ މީހެއް ވީމާ އެނގޭ ރަޔާންގެ އެބަހުރިކަން ނޮލެޖު މިހާރު. އެހެންވެ އަޖުމަ ބަލާލަން ދިނީ ޕާސްޓް ޕޭޕާއެއް. އޭގެން ހީ ސްކޯޑް ހަމަ ވަރަށް ރަނގަޅަށް،" ޔުމްނާ ބުންޏެވެ.
އެހިސާބުން ޔުމްނާ ނިންމީ ޖީސީއީ އޯ ލެވެލްގައި ރަޔާން ބައިވެރި ކުރާށެވެ. އެންމެ މަތީ ގްރޭޑެއް ނުލިބުނަސް ފާސް ވާނެކަން އޭނާ އަށް ޔަގީން ވާތީ އެވެ. އެކަމަކު އޯ ލެވެލް އަށް ދަރިވަރުން ތައްޔާރު ކުރުމުގައި ޔުމްނާ ވަގުތު ހޭދަކުރަމުން ދިޔައިރު ރަޔާން ތައްޔާރުކުރަން އެކަށީގެންވާ ވަގުތެއް ނުދެވެ އެވެ.
ނަމަވެސް ރަޔާން ދިޔައީ އޭނާގެ ކޮންމެ ދުވަހުގެ ކަންކަން ނިންމަމުންނެވެ. އެގޮތުން އިންޓަނެޓުން ފޮތްތައް ކިޔުމާ ކެމިސްޓްރީ ޓެކްސްޓު ފޮތް ކިޔާ ނިންމި އެވެ.

ފެބްރިކް މާކަރުން ރަޔާން ޑިޒައިން ކޮށްފައި އިން ޓީޝާޓެއް ލައިގެން-- ފޮޓޯ: ޔުމްނާ
ޓެސްޓަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ޔުމްނާއަށް އޮތް ބިރަކީ ރަޔާން އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވުމުން ޓެސްޓު ހަދަން ނީންނާނެ ކަމުގެ ބިރެވެ. އެއީ ޓެސްޓަށް ތައްޔާރުވާން ޕާސްޓް ޕޭޕަރު ދިން އިރު ވެސް އެއްތާކު ގިނައިރު އިންނަން އުނދަގޫ ވުމާއި ދޭތެރެދޭތެރެއިން ސަމާލުކަން ގެއްލޭތީވެ އެވެ. ލައިން ކުރެހުމާއި ކާވްތައް ކުރެހުމުގައި ވެސް އޭނާ އަށް އުނދަގޫތައް ހުރެ އެވެ.
"ވިސްވޭ ހަމަ ކިހިނެއްބާއޭ ރަޔާން އެގްޒާމްގަ ޕާފޯމް ކުރާނީ. އޭތި ހަމަ ބަލާލަން އަސްލު ބޮޑަށް ބޭނުންވީ ވެސް،" ޔުމްނާ ބުންޏެވެ.
އަނެއްކޮޅުން ފަސޭހަތައް ވެސް ހުރެ އެވެ. ޔުމްނާ ބުނި ގޮތުގައި ރަޔާން އަށް ކިޔަވައިދޭން އެންމެ ފަސޭހަވާ ސަބަބަކީ ރަޔާންގެ ތޫނުފިލިކަމެވެ. އަވަހަށް ނަގައިގަނެވެ. އެއް ފަހަރު ކިޔައިދޭ އެއްޗެއް ދެވަނަ ފަހަރަށް ކިޔައިދޭން ނުޖެހެ އެވެ.
ކިޔަވާ ހިތުން އުޅޭ ރަޔާން އަކީ ހުސްވަގުތު ބޭކާރު ކުރާ ކުއްޖެއް ނޫނެވެ. ވަގުތެއް ލިބިއްޖެނަމަ އިންޓަނެޓުން އަމިއްލައަށް އެއްޗެހި ހޯދައިގެން ޕްރެޒެންޓޭޝަން ހެދުމާއި އެކްޕެރިމެންޓަ ހަދާ ކަމަށް ރަޔާންގެ މަންމަ ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުން ވުމަކީ ބާކީ ކުރަން ޖެހޭ ސަބަބެއް ނޫން!
މާލެ ބަދަލުވާން މަޖުބޫރުވީ ވެސް ކުރިމަތިލާން ޖެހުނު އެތައް ގޮންޖެހުންތަކާއި ހުރަސްތަކެއްގެ ސަބަބުން ކަމަށް ޔުމްނާ ބުންޏެވެ.

ރަޔާން: އޯޓިޒަމް ހުންނަ ކުއްޖެއް ނަމަވެސް ކެރިގެން ކުރިމަތިލާ-- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން
"އަޅުގަނޑު ބުނާނީ އެކުދިން ބަލައިގަންނާށޭ. އެކުދިންނަށް ވެސް ރަނގަޅަށް ކަންތައްތައް ކޮށްދީފިއްޔާ އެކުދިންވެސް ހަމަ ރަނގަޅު ކާމިޔާބީތައް ހޯދާނޭ. އެކުދިން ބާނީ ނުކުރާށޭ،" ޔުމްނާ ބުންޏެވެ.
ރަޔާން އޯ ލެވެލް އިން އެ ހޯދި ނަތީޖާއަކީ އޭގެ ހެއްކެކެވެ. ޔުމްނާ ހީކުރީ ލިބޭނީ އޭ އެއް ނުވަތަ ބީ އެއް ކަމަށެވެ.
"އެކަމަކު ޓެސްޓް ހަދާފަ އައިއްސުރެ ރަޔާން ހަމަ އަބަދުވެސް ބުނާނެ އޭ ސްޓާއެއް ލިބޭނެޔޭ. އެ ކޮންފިޑެންސް ހުރޭ ރަޔާންގެ،" އޭނާ ބުންޏެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ރަޔާން ޓެސްޓަށް ތައްޔާރު ކުރުވަން ކުރި މަސައްކަތް ތަކެވެ. ރަޔާން އަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އެނގިހުރެ ޖީސީގައި ބައިވެރިވާން މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ޔުމްނާ ޝުކުރު އަދާކުރެ އެވެ.

ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް-- ފޮޓޯ: އާއިލާ
ރަޔާންގެ ކުރިމަގަށް އޭނާ ކުރާ އުންމީދުތައް ފޮންޏެވެ. އެންމެ ފުރަތަމަ ހުވަފެނަކީ ގޭގައި ލެބެއް ހެދުމެވެ. އެއަށް ފަހު ސައިންޓިސްޓަކަށް ވާން އޭނާ ބޭނުންވެ އެވެ. ޔުމްނާގެ މިހާރުގެ ވިސްނުމަކީ ރަޔާން ގްރޭޑް 10 އަށް ދިއުމުގެ ކުރިން އަދިވެސް އޯ ލެވެލްގައި ބައިވެރި ކުރުމެވެ. ކޮންމެ އަހަރަކު މާއްދައެއް ނިންމުނަސް މައްސަލައެއް ނެތެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ ބަލާއިރު ކާމިޔާބީ އެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.













