ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މާދަމާ ފެށޭއިރު ސުކޫލުތަކަށް ކިޔަވައިދޭނެ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައެއް މާއްދާތަކަށް ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރުމުން މިނިސްޓްރީން ވަނީ ބިދޭސީ ޓީޗަރުން ގެނެސްފަ އެވެ. އެގޮތުން ބައެއް ސްކޫލުތަކަށް ގުރުއާން އަދި އަރަބި ކިޔައިދޭން ދިވެހި ޓީޗަރުން ނުލިބުމުން އިންޑިއާއިން ޓީޗަރުން ގެނެސްފައި އެވެ.
އިންޑިއާއިން ގެނައި 10 ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ. އެ ޓީޗަރުން ގެންނަން ޖެހުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.
އަދިވެސް ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ޓީޗަރަކު ނެތިގެން އެއްވެސް ދަރިވަރެއްގެ ކިޔެވުން ނުހުއްޓޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ޓީޗަރުން ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން މި މަހު ހާއްސަކޮށް ގުރުއާން މުދަރިސުން ތަމްރީން ކުރިމުގެ ޕްރޮގްރާމް ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާބެހޭ މަރުކަޒުތަކާ ގުޅިގެންނެވެ.
އަހަރުގެ މެދު ތެރެއިން މި އަހަރުގެ ދިރާސީ އަހަރު މާދަމާ ފަށާއިރު މިއީ ތައުލީމީ ދާއިރާއަށް އައި އިތުރު ބަދަލެކެވެ. މިއަހަރުން ފެށިގެން ދެން ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މި ދުވަސްވަރުގަ އެވެ.













