ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި "ގްރީން ކާޑެއް" ތައާރަފްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
"ދަރިވަރުންނަށް ރައްކާތެރިކަން"ގެ ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އެއީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޮވިޑުން ރައްކާތެރި ކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކެމްޕޭނުގެ މަގުސަދަކީ ތައުލީމީ ދާއިރާގެ އެންމެންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ ޖެނަރަލް އައިމިނަތު އައްޒަ ވިދާޅުވީ އެޑިއުކޭޝަނުން ފަށާފައިވާ ވެކްސިން ޕްރޮގްރާމް ނިމުމާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާ ގުޅިގެން ބެލެނިވެރިންނަށް ހާއްސަކޮށް ކާޑެއް ތައްޔާރު ކުރާނެ ކަމަށެވެ.
އަދި އެ ކާޑަކީ ބެލެނިވެރިން، ދަރިވަރުން ބަލާ ސްކޫލަށް ދާއިރު ވެކްސިން ޖަހާފައި ހުރިކަން ކަށަވަރުކުރެވޭނެ ގޮތް ތައްޔާރު ކުރާ ކާޑެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްޒަ ވިދާޅުވީ މިހާރު މުދައްރިސުންގެ ތެރެއިން 96 ޕްސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި ދެވަނަ ޑޯޒް ވެސް ގިނަ ބަޔަކު ޖަހާފައިވާ ކަމަށެވެ.
ވެކްސިން މިހާތަނަށް ފުރިހަމަކޮށްފައި ނުވާ މީހުން ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ޖެހުމަށް ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ. އެގޮތުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މިނިސްޓްރީން ނިންމާފައި އޮތީ, ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ނުވައްދާ ގޮތަށެވެ.
އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.













