ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް ރަށްރަށަށް ޓީޗަރުން ނުލިބޭ ހާލަތުގައި އެ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކަށް ގުރުއާން އަދި އަރަބި ކިޔައިދޭން ދިވެހި ޓީޗަރުން ނުލިބުމުން އިންޑިއާއިން ޓީޗަރުން ވަނީ ގެނެސްފަ އެވެ.
އިންޑިއާއިން ގެނައި 10 ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ. އެ ޓީޗަރުން ގެންނަން ޖެހުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.
ބޭރުން ޓީޗަރުން ގެނައި ނަމަވެސް، އެ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދައި، އެހެން ރަށްރަށަށް ގޮސްގެން ވިޔަސް ކިޔަވައިދޭނެ ދިވެހިން ހޯދުމަށް ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި އެހެން ރަށަކަށް ގޮސް ކިޔަވައިދޭނެ ޓީޗަރުންނަށް އެލަވެންސެއް ދޭން ނިންމާފައިވެ އެވެ.

"އަޅުގަނޑުމެންނަށް އަންނަ ގޮންޖެހުމަކީ މާލޭގަ ވަރަށް ގިން ގުރުއާން ޓީޗަރުން. ބޮޑެތި ސިޓީތަކަށް ދާން ޓީޗަރުންވޭ. އެކަމަކު ކުޑަ ރަށްރަށަށް ދާނެ މީހުން ހަމަ ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މި މަހު ހާއްސަކޮށް ގުރުއާން މުދަރިސުން ތަމްރީން ކުރިމުގެ ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފަ އެވެ.
"އެންމެ ފުރަތަމަ ބުރުގައި 200 މުދަރިސުން ތަމްރީނު ކުރަން ނިންމާފަ ވަނީ، ހާއްސަކޮށް ގުރުއާން މުދަރިސުން ބޭނުންވާ ރަށްރަށަށް އިސްކަން ދީގެން އެ ރައްތަކުގަ މި ޕްރޮގްރާމް ހިންގުމަށް ނިންމާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާބެހޭ މަރުކަޒުތަކާ ގުޅިގެންނެވެ.













