އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އޭޕްރީލް 15، 2020 ގައި ލޮކްޑައުން ކުރުމަށް ފަހު އޮފީސްތައް ހުޅުވާލި ނަމަވެސް، ހިދުމަތް ދެމުން ދިޔައީ އަދި މުވައްޒަފުން ނެރެމުން ދިޔައީ ހާއްސަ އުސޫލެއްގެ ދަށުންނެވެ. ބައެއް މުވައްޒަފުން މަސައްކަތްކުރަމުން ދިޔައީ ގޭގައި ތިބެގެންނެވެ.
ނަމަވެސް، ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމާއެކު ގޭގައި މަސައްކަތްކުރުމުގެ އުސޫލު ނިމުމަކަށް އަންނާނެ އެވެ.
ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވަނީ މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށި ނަމަވެސް، ޖުލައި 1 ގެ ދެންނެވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހައި އިދާރާއަކުން އަމަލުކުރަން ވާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ގިނަ އިދާރާތަކެއްގެ ހިދުމަތްތައް އޮންލައިންކޮށް ދެވޭ ގޮތަށް ބަދަލުކޮށްފައިވާއިރު، މުވައްޒަފުން އޮފީހަށް ނެރުނު ނަމަވެސް އޮންލައިންކޮށް ދޭ ހިދުމަތްތައް އެގޮތުގައި ދިނުމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ. އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް ތައާރަފުކުރުމަށާއި ކަރުދާހުގެ ހަރަދާއި، ޕްރިންޓް ކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، ޑިޖިޓަލައިޒް ކޮށްގެން "ޕޭޕާލެސް" މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ވެސް ދެންނެވުމުގައި އަންގަވައިފައިވެއެވެ.

ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް އެޗްޕީއޭގެ ލަފާ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.
ކޮވިޑް- 19 އާ ގުޅިގެން، ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގުތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވެސް ދެންނެވުމުގައި ވަނީ އަންގަވާފަ އެވެ. އެގޮތުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭ ގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށާއި، ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.












