ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.
އެއްބަސްވުންތަކުގައި މިދިޔަ މަހުގެ 14 އިން ފެށިގެން ސޮއިކުރަން ފަށައި ތަޅުދަނޑި ވެސް އަންނަނީ ހަވާލުކުރަމުންނެވެ.
ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލަން ޖެހުނީ އެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ. މިއަދަށް ޝެޑިއުލްކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުންތައް ވެސް ކުރިއަށް ނުގެންދާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ތާރީހެއް، ހެލްތު ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާ ކުރުމަށް ފަހު އަލުން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދަނީ ކޮންމެ ޓަވަރަކަށް ވަކި ދުވަހެއް ކަނޑައަޅައިގެންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެ މީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާންކުރެ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ފުރުސަތުދޭން ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލުން އެ ކޯޕަރޭޝަން އަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން ތާވަލުކޮށް އެ ކޯޕަރޭޝަނުން އިއުލާން ކުރާ ފަރާތްތަކަށެވެ.













