އަންނަ ހަފްތާގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ކޮވިޑާ ހެދި މާލެ ސްކޫލުތަކުގެ ދަރިވަރުން މިދިޔަ އަހަރާއި މި އަހަރު ވެސް ކިޔަވަން ޖެހުނީ އޮންލައިންކޮށެވެ. އެކަމަކު، ކޮވިޑު ނުފެތުރޭ ރަށްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސްކޫލްތަކަށް ގޮސްގެންނެވެ.
މި އަހަރުގެ ދިރާސީ އަހަރު ފެށުމަށް ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑްގެ މި ހާލަތީ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ ދުވަސްވަރެއް ކަމަށްވާތީ، ސްކޫލުތައް ހުޅުވާއިރު ހުރިހާ ފަރާތްތަކުންވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެހާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތު ގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ފުރަތަމަ ދެ ހަފްތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް، ވީހާވެސް ތޮއްޖެހުން ކުޑަވާގޮތަކަށް އިންތިޒާމް ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ ސްކޫލުތަކަށް އިލްތިމާސް ކޮށްފަ އެވެ.
މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަންކަން:
ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާގޮތަށް ދޮރުތައް ހުރިހާ ވަގުތެއްގައިވެސް ހުޅުވައިފައި ބެހެއްޓުން.
- ކްލާސްރޫމް ތަރުތީބު ކުރުމާއި ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުން.
- އޭސީކޮށްފައިވާ ކްލާސްރޫމްތަކުގައި ދަރިވަރުންގެ މެދުގައި ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
- މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އެނބުރި އައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުން، ރާއްޖެ އެނބުރި އަންނަތާ ފަަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުން.
- މި މަހުން ފެށިގެން މޮނިޓަރިންގެ ގެ ހާލަތުގައިވާ ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާންޖެހޭ ސްކޫލް ހުންނަ ރަށަށް އެނބުރި އަންނަތާ ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުން.
ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމާއި ނިއު ނޯމަލްގައި ކިޔަވައިދިނުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސްކޫލުތައް ހުޅުވި ނަމަވެސް އިތުރު ހަރަކާތްތައް ފެށުމަށް ނިންމާފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކުރުމުންނެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ފުރަތަމަ ދެ ހަފްތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު އެކި ގްރޭޑްތަކަށް ތަފާތުކޮށް އިންތިޒާމް ކުރުމާއި ސެޝަންގެ ދިގުމިނަށް ގެންނަޖެހޭ ބަދަލުތައް ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުގެ މަޝްވަރާއާއެކު ހަމަޖެއްސުމަށް އަންގާފަ އެވެ.
ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް މިދިޔަ އަހަރު ގެނަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު މިދިޔަ އަހަރުގެ ފަހުކޮޅަށް ނުނިންމައި، މި އަހަރުގެ ޖޫންއާ ހަމައަށް އިތުރުކުރުމެވެ.
އެއާއެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ހަމަޖެއްސުމެވެ.












