ބަލިން އަރައިގަނެވޭނެ މުއްދަތެއް ނޭނގި ގެތަކުގައި ބަންދުވެގެން ތިބުން ވީ ޅ. ނައިފަރުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ވޭނަކަށެވެ؛ އެ ރަށަށް ނެގި ކޮވިޑުގެ ބިޔަ ރާޅާ އެކު ކުރަން ޖެހުނު ތަޖުރިބާ ވަރަށް ހިތްދައްޗެވެ.
އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވެއްޖެ އެވެ. އާއިލީ ހަމަނުޖެހުންތަކެއް ދިޔަ އެވެ. އަތްމަތިދަތިވެ، ހާލަތު ވެސް ވަނީ ގޯސްވެފަ އެވެ.
ކައުންސިލުން ބުނިގޮތުގައި، އެއީ އެއްވެސް ދުވަސްވަރަކު ނައިފަރުގެ ހާލަތެއް ނޫނެވެ.

ނައިފަރު: އެ ރަށް މޮނިޓަރިން އިން ނެގިއިރު 900 އަށް ވުރެން ގިނަ މީހުންނަށް ބަލި ޖެހުނު.

"ބައްޔާ އެކު މިކަންކަމުން އަރައިގަތުމަށް އެންމެންނަށް ކެތްތެރިކަމާ އެކު ވަރަށް ހިތްވަރު ކުރެވިއްޖެ، ނަމޫނާ ދައްކައިފި،" މިދިޔަ ބުރާސްފަތިދުވަހާ ހަމައަށް ރަށުގެ ހާލަތު ސިފަކޮށްދެއްވަމުން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އާބާދީގައި 5،000 އަށް ވުރެން ގިނަ މީހުން ހިމެނޭ ނައިފަރަކީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ރަށެވެ. އެ ރަށް މޮނިޓަރިންއަށް ލީ މާޗް، 24، ގަ އެވެ. މިހާ ގިނަ ދުވަހު މޮނިޓަރިންގައި އޮތް އެ ރަށް ބަންދުން ވީއްލިއިރު، 900 އަށް ވުރެން ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.
ނައިފަރަށް މި ބަލިން އަރައިގަނެވުނީ މިދިޔަ ހަފުތާގަ އެވެ. ރަށަށް އަރައި ފޭބުން މިހާރު ހުއްދަ އެވެ. އާއްމުންނަށް ބޭރަށް ނުކުމެ އުޅެވެ އެވެ.
"ބަންދުން މިނިވަންވެ އާއްމު ދިރިއުޅުމަށް އެނބުރި ދެވުން އެއީ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
އެ ރަށުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ގެތައް ކުދިވެފައި އެއްތަނެއްގައި ގިނަ ބަޔަކު ދިރިއުޅެން ޖެހިފައި އޮއްވައި ބަލި ފެތުރުމެވެ. އެންމެ ފުރަތަމަ ކަރަންޓީނަށް ލީ ގެއެއް، މުއްދަތު އިތުކުރަމުން ގޮސް މިދިޔަ ހަފުތާއާ ހަމައަށް ވެސް ދެމިގެންދިޔަ އެވެ.
"ގޭގައި ކަރަންޓީން ކުރަން ޖެހުނީމަ، އެ މީހަކު ޕޮޒިޓިވް ވެއްޖިއްޔާ ދެން 14 ދުވަސް ޖަހަމުން އައީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި ނައިފަރަށް އެންމެ އުނދަގޫވި ދަނޑިވަޅުގައި، ބައެއް އައިލާތަކުގެ ޒަރޫރީ ކަންކަމާއި ކެއިން ބުއިމުގެ ހިދުމަތް ވެސް ހަމަޖެއްސީ ކައުންސިލާއި ހެޔޮއެދޭ ފަރާތްތަކުންނެވެ. ސޯޝަލް ސަޕޯޓް ޑެސްކެއް ކައުންސިލްގައި ގާއިމްކޮށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ނައިފަރުގެ ގެތައް: އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެއް ގެއެއްގައި ގިނަ ބަޔަކު ދިރިއުޅެން ޖެހިފައިވުމުން ކަރަންޓީން މުއްދަތު ދިގުވެ، ގެއިން ނުނިކުމެ ތިބެން ޖެހުމުން ކުރިމަތިވި ދަތިތައް.
ކައުންސިލުން ބުނީ ނައިފަރުގެ ރައްޔިތުންނަށް އެންމެ ދަތިވި ވަގުތުގައި ސަރުކާރުން އުއްމީދުކުރި ވަރުގެ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. ތިން މަހަށް ނަމަވެސް ކަރަންޓް ބިލް ލުއިކޮށްދިނުން ނުވަތަ އެލަވަންސެއް ދީގެން ނަމަވެސް އެހީތެރިކަމެއް ރައްޔިތުންނަށް ހަމަޖައްސައެއް ނުދެ އެވެ. ރައްޔިތުންގެ އަސާސީ ކަންކަމާއި ކޮވިޑު ބަލީގައި ބޭނުންވި ވަސީލަތްތަކަށް ވެސް ހޭދަކުރީ ކައުންސިލްގެ ބަޖެޓުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އާއްމުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެފައި އޮތްއިރު، އިގްތިސާދީ ގޮތުން ރަށަށް ކުރިމަތިވެފައި އޮތް ދަތިކަމުން ވެސް އަރައިގަތުމަށް ދުވަސް ނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މިދިން ލުއިތަކާ އެކު ދަތުރުކުރުން ހުޅުވިފައި އޮތަސް ނައިފަރުގެ ރައްޔިތުން ދެން އުޅޭނީ ސަމާލުވެގެން ކަމަށެވެ. ކޮވިޑުގެ ދަތި އުނދަގޫ ތަޖުރިބާ އަލުން ތަކުރާރުވާން ބޭނުން ނުވާތީ އެވެ.












