އެންމެ ބޭނުންވި ދުވަހު ފިލިޕްސްގެ އެންމެ މުހިއްމު ކޯޗު ނެތް

Jul 11, 2021, 6:32 AM
އެންމެ ބޭނުންވި ދުވަހު ފިލިޕްސްގެ އެންމެ މުހިއްމު ކޯޗު ނެތް

އިންގްލެންޑްގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް އެ ގައުމަށް އުފަންވި ނަމަވެސް އޭނާގެ ބައްޕަ ނިސްބަތްވަނީ ޖެމެއިކާ އަށެވެ. މީގެ ތިން އަހަރު ކުރިން ފިލިޕްސް އަށް ޖެމެއިކާ ގައުމީ ޓީމަށް ކުޅެން ވެސް ފުރުސަތު ލިބުނެވެ. އިނގިރޭސި އެއްވެސް އުމުރުފުރާ ގައުމީ ޓީމަކުން ވެސް ފުރުސަތު ނުލިބޭތީ ޖެމެއިކާ އަށް ކުޅެން ވެސް ފިިލިޕްސް ވިސްނި އެވެ. އެކަމަކު އޭނާ އަށް ހުރަސް އެޅީ މާމަ، ގްރޭނީ ވަލް އެވެ. މާމަ އެދުނީ އިންގްލެންޑުން ފުރުސަތު ލިބެންދެން މަޑުކުރާށެވެ. ނަސީބު އަތުގައި ހިފީ މީގެ 10 މަހެއްހާ ދުވަސް ކުރިންނެވެ. މިދިޔަ އަހަރު އޮގަސްޓް މަހު އިންގްލެންޑް ގައުމީ ޓީމުން ފިލިޕްސް އަށް ފުރުސަތު ލިބުނު ފަހުން އޭނާ އަންނަނީ ގަވާއިދުން ޓީމަށް ކުޅެމުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން އިންގްލެންޑް މޮޅުވި މެޗުގައި ފިލިޕްސް ދެއްކި ކުޅުމަށް ގިނަ ބަޔެއް އޭނާ އަށް ތައުރީފުކުރި އެވެ. އިންގްލެންޑުން ޔޫރޯގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ފިލިޕްސް ކުޅުނެވެ.

ސެމީ ފައިނަލުގައި ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗަށް ފަހު ފިލިޕްސް ދަނޑުމަތީގައި އުޅުނީ އޭނާގެ ނަން ޖަހާފައިވާ ޖޯޒީއެއްގަ އެއް ނޫނެވެ. ސާދަ ނަމްބަރާ އެކު އެ ޖޯޒީގައި ޖަހާފައިވަނީ ގްރޭނީ ވަލް މިހެނެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ކޮވިޑް ޖެހިގެން މަރުވި ގްރޭނީ ވަލްގެ ހަނދާން އަބަދުވެސް އާ ކުރާނެތީ އެ ތާރީހީ ވަގުތު ފިލިޕްސް ކުރި ކަމެކެވެ. އަދި މި ފަހަރުގެ މުބާރާތުގައި ފިލިޕްސް ބޭނުންކުރާ ކޮންމެ ބޫޓެއްގައި ވެސް ގްރޭނީ ވަލް މިހެން ޖަހާފައި ހުރެ އެވެ.

Advertisement

ޑެންމާކް މެޗަށް ފަހު ފިލިޕްސް ގްރޭނީ ވަލްގެ ނަން ޖަހާފައިވާ ޖޯޒީގައި.

"އަހަންނަށް އަބަދުވެސް އިހުސާސްވޭ ގްރޭނީ ވަލް އަހަންނާ އެކު ހުރިހެން. މަތިން ބަލަން ހުރި ހެން. އަހަރެން އިންގްލެންޑް ގައުމީ ޓީމަށް ނުކުޅޭނެ ގްރޭނީ ވަލް ނެތްނަމަ. އަހަރެން މި ޓީމު ޖޯޒީ ލައިގެން މެޗަކަށް ނުކުންނަ ކޮންމެ ފަހަރަކު ގްރޭނީ ވަލް އަށް ޝުކުރު އަދާކުރާނަން،" ފިލިޕްސް، 25، ދި ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އެއީ ހަމައެކަނި މާމައެއް ނޫން. (ގްރޭނީ ވަލް) އެއީ އަބަދުވެސް އަހަރެންގެ ކޯޗު. އެއީ އަހަރެން ގާތުގައި އަބަދުވެސް ހުންނަ ކޯޗު - ފިލިޕްސް

ފިލިޕްސް ބުނީ ކެރިއަރުގައި މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ކޮންމެ މެޗެއް ނިންމާފައި ވެސް ގްރޭނީ ވަލްގެ މެސެޖުތަކާއި ފޯން ކޯލްތައް އަންނަ ކަމަށާއި އެއީ އަބަދުވެސް ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ. އަދި ކޮވިޑް ޖެހިގެން ގްރޭނީ ވަލް މަރުވުމުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށް ފިލިޕްސް ބުންޏެވެ.

"ދިރިއުޅުމުގައި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނަ ގޮތަށް. ފުޓްބޯޅައިގައި މޮޅާއި ބަލި އޮންނަކަން ތަކުރާރުކޮށް ގްރޭނީ ވަލް އަހަންނަށް ބުނެދޭ،" ފިލިޕްސް ބުންޏެވެ.

ކްލަބް ލެވަލްގައި ފިލިޕްސް ކުޅެނީ ލީޑްސް ޔުނައިޓެޑް އަށެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ލީޑްސް އަށް ކުޅެމުންދިޔައިރު، ފިލިޕްސް އަށް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ހުށަހެޅުން ލިބިފަ އެވެ. ދެ ވަަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ކުޅުންތެރިއަކަށް 35 މިލިއަން ޑޮލަރުގެ ފީއެއް ހުށަހެޅުމަކީ އެ ކުޅުންތެރިއަކު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އެ ޕްރޮޕޯސަލެއް ގަބޫލުކުރާނެ ކަމެކެވެ. އެކަމަކު، ފިލިޕްސް އަށް ޓޮޓެންހަމާއި އަދިވެސް ޕްރިމިއާ ލީގެ އެހެން ޓީމަކުން އެ ވަރުގެ ހުށަހެޅުން ލިބުމުން އެ އަށް ވެސް ހުރަސް އެޅީ ގްރޭނީ ވަލް އެވެ.

ފިލިޕްސް (ކ) އާއި ގްރޭނީ ވަލް ލީޑްސް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އުފާފާޅުކުރުމުގެ ތެރެއިން.--

"ގްރޭނީ ވަލް ބުނީ ބޮޑު ކްލަބެއްގެ ފުރަތަމަ އެގާރައިގައި މަދު މެޗެއް ކުޅެފައި ގިނަ މެޗުތަކެއްގައި ބެންޗުގައި އިނުމަކީ ކެރިއަރަށް ރަނގަޅު ކަމެއް ނޫން ކަމަށް. އެންމެ ފުރަތަމަ ފުރުސަތު ދިން ލީޑްސްގައި ޕްރިމިއާ ލީގުގައި ފައިތިލަ ސާބިތުކޮށްފައި ކުރިއަށްދާން ގްރޭނީ ވަލް އެދުނީ. އެއީ ވެސް ކެރިއަރުގައި މިހާތަނަށް އަންނަން ވަރަށް ރަނގަޅަށް ދިޔަ ކަމެއް،" ފިިލިޕިސް ބުންޏެވެ.

ލީޑްސްގެ ޗެއާމަން އިޓަލީގެ އަންދްރެއާ ރަޑްރިޒާނީ ދެކިލައްވާ ގޮތުގައި ފިލިޕްސްގެ ކެރިއަރުގައި އެންމެ ބޮޑު އެއް ހިއްސާދާރަކަށްވާނެ އެކަކަކީ ގްރޭނީ ވަލް އެވެ. އެކަން އެނގިގެން ދިޔައީ ލީޑްސް ޔުނައިޓެޑްގެ ޑޮކިއުމެންޓްރީގެ ކަންކަމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޯކްޝަޔާ ޕިރްލޯގެ ނަމުން މަޝްހޫރުވެފައިވާ ފިލިޕްސް އަށް ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ދަސްކޮށްދިނީ ލީޑްސް ޔުނައިޓެޑްގެ ކޯޗު އާޖެންޓީނާގެ މާސެލޯ ބިއެލްސާ އެވެ.

އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އިން މީގެ އަހަރެއް ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލިޕްސް ލައްވައި މެދުތެރެއަށް ކުޅުވުމުގައި ބިއެލްސާ ޓްރެއިނިންތައް ބައްޓަންކުރާ އެއްގޮތަކީ ދެކުނު އެމެރިކާގެ ކުޅުންތެރިން ލައްވައި ކުޅުވާ ސްޓައިލުގަ އެވެ. އެގޮތުން އާޖެންޓީނާ ޓީމަށް ކުރިން ކުޅުނު ހުއާން ސަބެސްޓިއަން ވެރޯން އާއި ހުއާން ރޯމަން ރިކެލްމޭ ފަދަ ކުޅުންތެރިންގެ ވީޑިއޯތައް ފިލިޕްސް ލައްވައި ބަލުވައި އެ ގޮތަށް ގޭމް މެނޭޖްކުރަން ދަސްކޮށްދޭން ބިއެލްސާ އެހީތެރިވެދިން ކަމަށް ޓައިކް ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް އެންމެ ފުރަތަމަ ފިލިޕްސް އަށް ޓީމުން ފުރުސަތު ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޝަންސް ލީގުގައި ރަށުންބޭރުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ސްކޮޑުގައި ފިލިޕްސް ހިމެނި ނަމަވެސް އޭނާ އިނީ ބެންޗުގަ އެވެ.

ފިލިޕްސް އަށް އިންގްލެންޑް ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅެލަން ފުރުސަތު ލިބުނީ މިދިޔަ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އަނިޔާވެގެން ނޫން ގޮތަކަށް ފިލިޕްސް އަށް އިންގްލެންޑް ޓީމުން ޖާގަ ގެއްލިފައިނުވެ އެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފިލިޕްސް.-- ފޮޓޯ: އޭއެފްޕީ

ސައުތުގޭޓް ބުނީ ފިލިޕްސް އަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ދެވުމަކީ ކޯޗިން ކެރިއަރުގައި އޭނާ އަށް އެންމެ ރަނގަޅަށް ކުރެވުނު ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ.

"އެއްވެސް އުމުރުފުރާ ޓީމެއްގައި ނެތް ކުޅުންތެރިއަކު އަހަންނަށް މި ނެރެވުނީ ސީނިއާ ފުޓްބޯޅަ އަށް. މީގެ ފިލިޕްސް މި ހިސާބަށް ގެނައުމުގައި ހިތްވަރުކުރި އެންމެނަށް ޝުކުރު ހައްގު. އެއީ އޭނާގެ އާއިލާ،" ސައުތުގޭޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގައި ފިލިޕްސް މުޅި މެޗު އެއްކޮށް ނުކުޅެދިޔައީ އެންމެ ފަހަރަކު އެވެ. އެއީ ކުއާޓާ ފައިނަލުގައި 4-0 އިން ޔޫކްރެއިން އަތުން އިންގްލެންޑް މޮޅުވި މެޗުގަ އެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި ފިލިޕްސް ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ އޭނާ އަށް ދެ ރީނދޫ ކާޑު ހަމަވެ، ސެމީ ފައިނަލް މެޗަށް ސަސްޕެންޑް ވެދާނެތީ ކުރި ބަދަލެކެވެ.

މިދިޔަ 55 އަހަރު ތެރޭ އިންގްލެންޑުން ކުޅޭ އެންމެ ބޮޑު މެޗަށް މިރޭ ނުކުންނާނެ އެވެ. މި ފަހަރުގެ ޔޫރޯ ފައިނަލުގައި މިރޭ އިންގްލެންޑުން އިޓަލީއާ ދެކޮޅަށް ކުޅޭއިރު، މިއީ ފިލިޕްސް އިންގްލެންޑް ޓީމަށް ކުޅޭނެ 15 ވަނަ މެޗެވެ.

ފިލިޕްސް ނުކުންނާނީ އިޓަލީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޯޖީނިއޯ އާއި ނިކޯލޯ ބަރޭލާ އަދި މާކޯ ވެރާޓީއާ ދެކޮޅަށެވެ. އެ ކުޅުންތެރިން ހުއްޓުވައި އިންގްލެންޑް މޮޅުކޮށްދޭން އެޓޭކްގައި ބައިވެރިވުމަކީ ވެސް ފިލިޕްސް އަށް އޮތް ޒިންމާއެކެވެ.

"ވެރާޓީ އަކީ އަހަރެން ވަރަށް ގަޔާވާ ސްޓައިލެއްގެ ކުޅުންތެރިއެއް. ޔޫރޯގެ ފައިނަލެއްގައި ވެރާޓީއާ ދެކޮޅަށް ކުޅުމަކީ ޗެލެންޖެއް. ފުޓްބޯޅައިގެ ކޮންމެ ކަމަކީ ވެސް ޗެލެންޖެއް،" ފިލިޕްސް ބުންޏެވެ.

ފިލިޕްސް ބުނީ ޔޫރޯ ފައިނަލަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗު ކަމަށާއި އެންމެ މުހިއްމު މެޗަށް ނުކުންނައިރު، އަބަދުވެސް އެހީތެރިވެދޭން ހުންނަ އަމިއްލަ ކޯޗު ގްރޭނީ ވަލް ނެތުމަކީ އޭނާ އަށް ދެރައެއް ކަމަށެވެ. އެކަމަކު މިއީ ވެސް ޗެލެންޖެއްގެ ގޮތުގައި ދެކިގެން އޭނާ ހުރީ ބޮޑު ކާމިޔާބެއް ހޯދައި މުޅި ގައުމު ފަހުރުވެރިކޮށްދޭ ކާމިޔާބެއް ހޯދުމުގެ އަމާޒުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox