މި ފަށާ ދިރާސީ އަހަރުގައި ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑިޖިޓަލް ފޮތް ނުވަތަ އީ-ބުކް އަކީ ލިޔުމާއި ފޮޓޯގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ޓެބްލެޓަށް ނުވަތަ ކޮމްޕިޔުޓަރަށް ނުވަތަ ކިޔަވަން ބޭނުން ކުރާ އިލެކްޓްރޯނިކް އެއްޗަކަށް އަޅައިގެން ގެންގުޅޭ ފޮތްތަކެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "އަދަދު" އަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލުތަކެއްގައި ގްރޭޑް 9 އިން 12 އަށް ކިޔަވައިދޭން ނިންމާފައި ވަނީ ޑިޖިޓަލް ފޮތުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ފޮތަށް މިހާރު ބަދަލުކޮށްފައި ވަނީ އިނގިރޭސި މީޑިއަމްގެ ފޮތްތަކެވެ. ދިވެހި ފޮތްތައް ޑިޖިޓަލް ކުރުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަދެ އެވެ. ފޮތްތަކަށް ގެންނަން ނިންމާފައިވާ ބަދަލަކީ ދާއިމީ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މަތީ ގްރޭޑްތަކުގެ ފޮތްތައް ވަރަށް ގިނަ. އުފުލަން ވަރަށް ބަރު. މި ބަދަލާއެކު މަތީ ގްރޭޑްތަކުގެ ފޮތްތައް ގިނަވެފައި އުފުލަން ބަރުވުމަށް ލުޔެއް ލިބިގެންދާނެ" ކަމަށް ޑރ. އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮތްތައް ބޭނުން ކުރުން ހުއްޓާލުމުން ތިމާވެއްޓާ ރައްޓެހި މާހައުލެއް ވެސް ގާއިމް ކުރެވޭނެ ކަމަށެވެ. ފޮތްތައް ޑިޖިޓަލްކުރި ނަމަވެސް ފިޒިކަލީ ހަދާ ފިލާވަޅުތައް ދަރިވަރުން ހަދާނީ ނޯޓް ފޮތުގައި ކަމަށް ވިދާޅުވި އެވެ.
ފޮތްތައް ދޫކުރަން ފަށާނީ އާ އަހަރު ފެށުމުން ކަމަށް ޑރ. އަބްދުﷲ ވިދާޅުވި އެވެ.












