ފާތުމާ މަނިކެގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެތައް އަހަރެއްގެ ދިގު އިންތިޒާރެއް ފުރިހަމަ ވަނީ އެވެ. ވެފައި ހުރި އުފަލުގެ ސަބަބުން ލައިގެން އައި ހެދުމުގެ ކުލަވެސް ފާތުމާ މަނިކެ އެއްގޮތް ކޮށްފައި ހުރީ އޭނާއަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ލިބުނު ފްލެޓުގައި ޖައްސާފައި ހުރި ކުލަޔާ އެވެ.
"ވަރަށް ދިގު އިންތިޒާރެއްގެ ނިމުންމީ. ގާތްގަނޑަކަށް 18 އަހަރުވީ ދާއިމީ ފްލެޓެއް ލިބޭތޯ މަސައްކަތް ކުރާތާ. ވަރަށް ހިތްހަމަ ޖެހޭ ފެލެޓާ ދޭތެރޭ. އަޅުގަނޑު ބޭނުންވަނީ ތަޅުދަނޑި އަތަށް ލިބޭ ދުވަހު ވެސް ދަރިފުޅާއެކު މިތަނަށް ބަދަލުވާން،" ފްލެޓު ލިބުނު މީހުންނަށް ތަން ބަލާލަން އިއްޔެ ލިބުނު ފުރުސަތުގެ ބޭނުން ހިފި ފާތުމާ ބުންޏެވެ.
ފްލެޓުތަކުގެ ޖާގަ ކުޑަ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެކަމަށް ފާތުމާ ކުރާނެ ޝަކުވާއެއް ނެތެވެ. ކޮޓަރިތަކުގެ ސައިޒާ ދޭތެރޭ އޭނާ އެއްވެސް މައްސަލައެއް ނުޖައްސަ އެވެ. ތިން މީހުންގެ އެ އާއިލަށް ފްލެޓުގައި ހިތްހަމަޖެހިގެން އުޅެވޭނެ ކަމަށް އޭނާ ދެކެ އެވެ.

ފްލެޓް އިންސްޕެކްޓްކޮށްލަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އެޅި 25 ބުރީގެ ބިޔަ 16 ޓަވަރުގައި އެ އިމާރާތްތަކުގެ ކޮންމެ ބުރިއެއްގައި 20 ފްލެޓު ހުރެ އެވެ. ފްލެޓުތަކުގެ ފޮޓޯތައް އާންމު ވުމާއެކު ގިނަ މީހުންގެ ޝަކުވާއަކަށްވީ ތަނުގެ ކުޑަ ކަމެވެ. ފްލެޓްގެ ކޮޓަރިތައް ކުދި ކަމެވެ.
ބައެއް މީހުން އުފާވަނީ މާލޭގައި އެމީހުން ދިރިއުޅެމުންދިޔަ ދަތި، އުނދަގޫ ދިރިއުޅުން މާޒީކޮށްލުމުގެ ފުރުސަތުު ލިބުނީމަ އެވެ.
"މާލޭގަ އުޅޭތާ އެތައް އަހަރެއްވީ. މިހާރުވެސް ތިބޭނެ ތަނެއް ނެތިގެން މި އުޅެނީ މާލޭގައި. ވަރަށް ދަތިކޮށް މި އުޅެނީ. ވަރަށް އުފަލުން މި ހުރީ ފެލްޓް ހަވާލު ކުރީމަ." ފެލްޓް ލިބުނު މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ކިޔައިދިނެވެ.
ފްލެޓު ބަލާލަން އެއްބަޔަކު ދިޔައީ ފޫޓު ފީތާ ހިފައިގެންނެވެ. އަނެއް ބަޔަކުގެ އަތުގައި އޮތީ ފްލެޓު ލިބުމުން އެތަނަށް ޑިޒައިން ކުރާނެ ގޮތުގެ ކުރެހުމެކެވެ.

ފްލެޓު ލިބުނު ފަރާތެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލިބުނު ފްލެޓުތައް ބަލައި، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާތައް ކުރަނީ-- ފޮޓޯ/ ހުސެން ޝަޔާހް
"ފޮޓޯތައް ދައުރުވާން ފެށި ހިސާބުންވެސް ޕްލޭނެއް ހަދައިގެން މި އުޅެނީ. އެ ޕެލޭނަށް ފިޒިކަލީ ފިޓް ވޭތޯ ބަލަން އެ އެއްޗިސް ހިފައިގެން އައީ،" ފްލެޓް ލިބުނު އެހެން މީހަކު އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ ފްލެޓުތަކުގެ ކޮޓަރިތަކާއި ފާހަނާގެ ސައިޒާމެދު ހިތްހަމަޖެހޭ ކަމަށެވެ. ސަބަބަކީ މިހާރު އޭނާ ދިރިއުޅެމުންދާ ތަނަކީ މާކުޑަ ތަންކޮޅަކަށްވެފައި ދައްކަން ޖެހޭ ކުލި މާ ބޮޑުވީމަ އެވެ.
ނަމަވެސް އޭނާ ފާހަގަ ކުރި ގޮތުގައި ބެލްކަނި ވަރަށް ކުޑަ އެވެ. އެތަން ޑިޒައިންކޮށްފައި އިންގޮތުން ދޮންނަ މެޝިން ބަހައްޓަން ޖެހެނީ ބެލްކަނީގަ އެވެ. ނަމަވެސް އެއީ މި ޒަމާނުގެ އޮޓޯ މެޝިނެއް ބެހެއްޓޭ ވަރަށް ވުރެ ކުޑަ ތަންކޮޅެއް ކަމަށް އޭނާ ބުންޏެވެ.
ލިފްޓާ ދޭތެރޭ ދެކެނީ ކިހިނެތް؟
ލިފްޓުން އަރައި ފޭބުމަށް ދިމާވެދާނެ އުނދަގުލަކީ ފްލެޓު ލިބުނު ވަރަށް ގިނަ މީހުން ވިސްނާ ކަމެކެވެ.
"ލިފްޓް އަސްލު ވަރަށް މަދު. އަވަހަށް ލިފްޓް އަރާ ފައިބާ. އެކަމަކު އެއީ ކުޑަކުދިންގެ ސިކުނޑިއަށްވެސް އެހާ ރަނގަޅު ކަމަކަށް ނުވާނެ. ހާއްސަކޮށް މައިގްރޭން ހުންނަ ކުދިންނަށް. މިއުޅެނީ މާލެއިން ހުޅުމާލެއަށް އަންނަ އިރު ކާރުގައި ވެސް ހޮޑުލާވަރުން،" ސަތާރަ ވަނަ ބުރިން ފެލްޓް ލިބުނު މީހަކު ބުންޏެވެ.
ކޮންމެ އިމާރާތެއްގައި ތިން ލިފްޓް އިންނާތީ އެއްބަޔަކަށް އެއީ މައްސަލައަކަށް ނުވެ އެވެ. ސަބަބަކީ ލިފްޓްތަކުގެ ދުވެލި ބާރުވީމަ އެވެ. ލިފްޓު މައްޗަށް ގޮސް ތިރިއަށް އައުމަށް މަދު ސިކުންތުކޮޅެއް ނަގާތީ އެވެ. އެއީ އެއް ބަޔަކަށް މައްސަލައަކަށް ނުވިޔަސް ވާހަކަ ދައްކާލި އަނެއް ބަޔަކަށް އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
އެއިން އިމާރާތެއްގައި ގާތްގަނޑަކަށް 2500 އެއްހާ މީހުން ދިރިއުޅޭން ކަމަށް ލަފާ ކުރާއިރު ލިފްޓަކީ އެ އާބާދީގެ އިމާރާތަކަށް އެކަށީގެންވާ މިންވަރަކަށް ނުވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.
ފްލެޓްގެ ކުލި ބޮޑުކަމާއި ނުނިންމާ ހަވާލުކުރާކަމުގެ ޝަކުވާ
ފެލްޓް ބަލާ ނިންމައިގެން ފޭބި ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ކުލި ބޮޑުކަމެވެ. ފިނިޝިން ނުނިންމާ ހަވާލު ކުރާއިރު އެއީ ވެސް ބޮޑު ހަރަދެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެ އެވެ.
"އެންމެންނަށް އެހާ ބޮޑު ހަރަދެއް ނުކުރެވިދާނެ. އެންމެންނަކީ އެހާ ތަނަވަސް މީހުންނެއް ނޫން. އަޅުގަނޑަށް އެންމެ ރަނގަޅީ އެއްކޮށް ނިންމާފަ ހަވާލު ކުރިއްޔާ،" ފްލެޓް ބަލަން އައި މީހަކު ބުންޏެވެ.
އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެދާނެ ކަމުގެ ބިރު
"އިޖުތިމާއީ މައްސަލަތައް ވަރަށް ނިކުންނާނެ. މިހާރުވެސް ނިކުމެފަ ހުރީ. މާލެ ތެރޭގަ އެންމެ ބޮޑަށް އެފަދަ މައްސަލަ ތަކުގަ އުޅޭނީ ސިނަމާލެ ހިސާބުގަ އުޅޭ ކުދިން. އެއީ އެ ފެލްޓްތަކުގަ ދިރިއުޅުން ފެށި ހިސާބުން. އެޔޮތީ އެ ފެންނަން ހަމަ އެންމެނަށް ވެސް،" ފްލެޓު ބަލައި ނިންމާފައި އިމާރާތުން ފޭބި މީހަކު ބުންޏެވެ.
ރާއްޖޭގެ އިމާރާތެއްގައި އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ދިރިއުޅޭނެ މިއީ ފުރަތަމަ ފަހަރެވެ. ފްލެޓު ބަލަން ދިޔަ މީހުންގެ އަނެއް ޝަކުވާއަކީ އެއްފަހަރާ ގިނަ މީހުންތަކެއް އެއް ތަނެއްގައު އުޅެން ފެށުމުން ނިކުންނާނެ މައްސަލަތަކެވެ. ކުދިންގެ އުޅުމަށް އަންނާނެ ބަދަލުތަކާއި އެކަމުން މުޖުތަމައުއަށް ކުރާނެ ނޭދެވޭ އަސަރުތަކެވެ.
މިއީ ބައެއް މީހުން ގަބޫލު ކުރާ ކަމެއް ނަމަވެސް އަނެއްބައި މީހުން ގަބޫލުކުރާ ގޮތުގައި އެފަދަ މައްސަލައެއް ނިކުތުން ނާދިރެވެ. ސަބަބެއް ކަމަށް ބުނީ ފްލެޓްތަކުގައި އެސިސްމެންޓް ޓޫލްތައް ބަހެއްޓިފައި ހުރުމެވެ. އަދި ފްލެޓް ތަކުގެ ސެކިއުރިޓީ ހުންނާނެތި އެފަދަ ކަމެއް ކުރުން އެކަށީގެން ނުވާ ކަމަށް ބުނެއެވެ.












