ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވާ ހުޅުމާލޭގެ މޫދުން ފެނުނު ކުޑަ ކުއްޖާ ކުށްވެރިވާ ގޮތަށް ބައެއް މީޑިޔާތަކުން ހަބަރު ފަތުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
ރަހީނު ކުރުމަށް ފަހު މަރާލާފައި އޮއްވައި ފެނުނީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރެވެ. މި މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ރާއިފްގެ މަރާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ އެ ހާދިސާއާ ގުޅޭ އެކިއެކި މައުލޫމާތުތައް ފަތުރަމުންދާ ކަމަށެވެ. މިކަން ފާހަގަކުރައްވައި، މުގައްރިރު ވަނީ ލައިވްކުރި ކޮމިޓީގައި، ބައެއް ނޫސްތަކުން ފެތުރި ކުއްޖާ ވިކްޓިމައިޒްވާ ކަހަލަ ބައެއް ވާހަކަތައް އާއްމުކުރައްވައިފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގައި އެފަދަ ކުދިން ރައްކާތެރިކޮށް ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ރާއިފްއާ ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކުގައި ހުރި މައުލޫމާތުތައް ހޯދަން އޭނާ ހުށަހެޅުއްވި އެވެ.
ޖީހާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުންދާތީ އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކުން ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވިދާޅުވީ، އެ މުއައްސަސާތަކުން ހޯދޭ މައުލޫމާތުތަކުގެ އަލީގައި، ގާނޫނުން ރާއިފްއަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައިވާ މިންވަރާއި އަޅާފައިވާ ފިޔަވަޅުތައް ވެސް ހޯދަންޖެހޭ ކަމަށެވެ.
އެހެންކަމުން އޭނާ ހުށަހެޅުއްވީ ރޮޒެއިނާގެ ހުށަހެޅުއްވުމަށް އެބައި އިތުރުކުރުމަށެވެ.
ހަބަރުތައް ގެންނަގޮތުން ކަންބޮޑުވުން، ފިޔަވަޅު އަޅަންޖެހޭ
އެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެކި ނޫސްތަކުން އެކި ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
"އޭގެ ސަބަބުން ހާމަކުރަންނުޖެހޭ މައުލޫމާތުތަކެއް ހާމަވެ، އިތުރު މައްސަލަތައް ނުކުމެގެން މިދަނީ،" ރާއީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބައެއް ނޫސްތަކުން ހަބަރުތައް ގެންނަ ގޮތުން ތަހުގީގަށް ވެސް ހުރަސްއެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެކަމާ ގުޅުވައި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ބައެއް ނޫސްތަކުން ހަބަރުތައް ފަތުރަމުންދާ ގޮތުން، އެ ކުއްޖާ ރީވިކްޓިމައިޒްވެ، އެ ހާދިސާ ހިނގަން މެދުވެރިވީ އެ ކުއްޖާގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ހަބަރުތައް ގެންނަމުންދާ ކަމަށެވެ.
އެ ކަންބޮޑުވުން ހިއްސާކުރައްވަމުން ޖީހާން ވިދާޅުވީ މީގެ ކުރިން ވެސް އެފަދަ ހާދިސާތަކުގައި އަމަލުކުރެވިފައި ގޮތަށް، އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާ ކަމަށެވެ.
އެކަމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވައި ރޮޒެއިނާ ވިދާޅުވީ، އެ ހާދިސާއާ ގުޅޭގޮތުން ކުއްޖާ ކުށްވެރިވާ ގޮތަށް ހަބަރު ފަތުރާ މީޑިޔާތަކާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ބަލަން މީޑިޔާ ކައުންސިލްގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނާ އެ ކޮމިޓީން ބައްދަލުކުރާނެ ކަމަށެވެ.
"އެކަމަކު މިފަދަ މައްސަލަތަކުގައި މީޑިޔާ ކައުންސިލަށް ވެސް އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އެޅޭނެ ފިޔަވަޅުތައް ވަރަށް ލިމިޓެޑްކަމަށް އެ ބޭފުޅުން މީގެ ކުރިން ވެސް ފާހަގަކޮށްދީފައިވޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ގޯސްކޮށް ހަބަރުތައް ގެނެސްފައިވާ މީޑިޔާތަކުގެ މައުލޫމާތު ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެން، އެ މީޑިޔާތަކުގެ މައްސަލަ މީޑިޔާ ކައުންސިލަށާއި ބްރޯޑްކޮމަށް ފޮނުއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުން ނިންމައިލީ މި ހާދިސާއާ ގުޅޭ މައުލޫމާތުތައް ދޭން މުއައްސަސާތަކަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އަންނަ ހޮނިހިރު ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ.












