ތީމުގެ އަލުން ރިޔާސީ ގަނޑުވަރަށް ހަދަން ގޮވާލައިފި

މިހާރު ސުޕްރީމް ކޯޓު ހިންގަމުންދާ ތީމުގެ: އެތަން އަލުން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ހަމަޖައްސަން ވަނީ ގޮވާލައިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިހާރު ސުޕްރީމް ކޯޓު ހިންގަމުންދާ ތީމުގެ: އެތަން އަލުން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ހަމަޖައްސަން ވަނީ ގޮވާލައިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރިން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރަމުން އައި ތީމުގެ އަލުން ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޯރުކޮށްދެމުންދާ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދައުލަތުން އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގެ ތެރެއިން ބައެއް އެމްޑީޕީ މެމްބަރުން ވަނީ ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ.

އެގޮތުން، ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ދެ ބާރުގެ ވެރިންނަށް ސެކިޔުރިޓީ ފޯރުކޮށް ދިނުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިރިއުޅުއްވާ ތަން ސެކިޔުރިޓީ މިންގަނޑަށް ނުފެތުން ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދައުލަތުން ބޮޑު ހަރަދުތައް ކޮށްގެން ތީމުގެ ތަރައްގީކުރީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނެ ތަނެއްގެ ގޮތުގައި ވަރުގަދަ ސެކިޔުރިޓީ ފިޔަވަޅުތަކާއި ވަސީލަތްތަކާއެކު ކަމަށެވެ.

"އޭރު އެތަން ބިނާކުރަމުންދިޔައިރު ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އަޅުގަނޑުމެން މިހާރު ރަނގަޅަށް ވިސްނާލާއިރު، އޭރުގެ ރައީސް މައުމޫންގެ ދުރު ވިސްނުންފުޅާއެކު އޭރު ނިންމެވި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" އަސްލަމް ވިދާޅުވި އެވެ.

އެއާއެކު ރައީސްގެ ސެކިޔުރިޓީ ފޯރުކޮށްދެމުންދާ އެމްއެންޑީއެފްގެ އިތުރުން ރައީސް އޮފީހުގެ ކަމާބެހޭ ބޭފުޅުން އެކަމާ ވިސްނައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވި އެވެ.

އެ ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ ތީމުގޭގައި މިހާރު ހިންގަމުންދާ ސުޕްރީމް ކޯޓު އެހެން ތަނަކަށް ބަދަލުކޮށް، އެތަނަކީ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖައްސައިދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެހެންކަމުން އެކަން އަވަސް ކުރުމަށް އޭނާ ވެސް ގޮވާލެއްވި އެވެ.

ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ތީމުގެ ޒަމާނީ ފެންވަރަށް އަދި ސަލާމަތީ ގޮތުން ވެސް ވަރުގަދަ ފިޔަވަޅުތަކާއެކު މައުމޫންގެ ވެރިކަމުގައި އަލުން އިމާރާތްކުރި ނަމަވެސް 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ތަން ސުޕްރީމް ކޯޓާއި ހައި ކޯޓު ހިންގާ އިމާރާތުގެ ގޮތުގައި ހަމަޖެއްސެވި އެވެ.

އެ ބަދަލު ގެންނެވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ތީމުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެވެ.

ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިރިއުޅުއްވަމުން ގެންދަވާ މުލިއާގޭގަ އެވެ.

ދެ ބާރުގެ ވެރިންނަށް ގެއެއް ދެނީ ކީއްވެ؟

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާ ދިނުމުގެ އެތައް މަހެއް ކުރިން، އެ ގެ ހުންނަ ނީލޯފަރު މަގު ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވުމާ އެކު ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއެކޭ އެއްފަދައިން، ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންނަށް ވެސް ދައުލަތުން ރަސްމީ ގެއަކާއި ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް ގަދަވި އެވެ.

އެއާއެކު، އެކަމާ ގުޅޭ ދެ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ވައްދައިފަ އެވެ.

އެގޮތުން، މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސަށާއި އޭނާގެ އާއިލާއަށް ދިރިއުޅެވޭނެ ގެއަކާއި އެ ގެއަށް ބޭނުންވާ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

އަދި އެ ގެއަކީ ސަލާމަތީ ގޮތުން ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ގެއަކަށް ވާންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ފަނޑިޔާރުންގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައިވަނީ ހަމަ އެއްގޮތަކަށް އިބާރާތްކޮށް އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެއެއް ހަމަޖައްސައި ދޭން ޖެހޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox