ހުޅުމާލޭގެ ހިޔާ ފްލެޓްތައް ލިބޭ އެންމެންނަށް ވަކިވަކިން އެއްބަސްވުން ނުފޮނުވިގެން ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓުގައި އެއްބަސްވުމުގެ ޑްރާފްޓެއް އާއްމުކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގައި އެކި ކެޓަގަރީތަކުން 6،720 ފްލެޓް ދީފައިވެ އެވެ. ހަވާލުނުކޮށް ދިގުލައިގެން ގޮސްފައިވާ މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި އަންނަ މަހުގެ 14 އިން ފެށިގެން ސޮއިކޮށް ފްލެޓްތައް ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީން ބުނީ ހިޔާގެ އެއްބަސްވުން ވެބްސައިޓުގައި އާއްމުކުރީ އެންމެންނަށް ފޮނުވުން ދަތިކަމަކަށް ވާތީ ކަމަށެވެ. އެއީ ނިސްބަތުން ބޮޑު މަޝްރޫއަކަށް ވުމާ އެކު އެންމެންނަށް ފަސޭހައިން އެއްބަސްވުން ފެންނާނީ އާއްމުކުރުމުން ކަމަށާއި އެކަމަކު އެ ޑްރާފްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެއްވެސް ބަދަލެއް ގެނެސްފި ނަމަ، އެކަން ވެބްސައިޓުގައި އާއްމުކުރާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.

އެޗްޑީސީން ބުނިގޮތުގައި އެއްބަސްވުންތަކުގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރަން ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެއްބަސްވުމުގެ މުހިއްމު ބައިތައް
- ފްލެޓު ވިއްކަން ކަނޑައަޅާފައިވާ އަގަކީ ދެ މިލިއަން ރުފިޔާ. (2،250،000.00ރ.)
- އަގު ދައްކަން ފަށަން ޖެހެނީ ފްލެޓް ހަވާލުކުރާތާ ތިން މަސް ފަހުން، ކޮންމެ މަހެއްގެ 1 ގެ ކުރިން.
- މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހޭ.
- ބޭނުން ނަމަ އެޑްވާންސް ފައިސާ ދެއްކޭ، އޭރަށް މަހުން މަހަށް ދައްކާ ބައިން އުނިކުރާނެ.
- ފްލެޓުގެ އަގު އެއްކޮށް ދެއްކުމުގެ ފުރުސަތު ވެސް ދޭ ގޮތަށް ވަނީ ހަމަޖައްސާފައި.
- އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ 1000ރ. - 100،000ރ ދެމެދުގެ މިންވަރަކުން ޖޫރިމަނާ ކުރެވިދާނެ
ހިޔާ މަޝްރޫއުގައި ހިމެނޭ އެވްރެޖްކޮށް 550 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ފިނިޝިން ނުލައި ޗައިނާ ކުންފުނިން އިމާރާތްކޮށްދިން އަގަކީ 956،040ރ. އެެވެ. ކުރީގެ ސަރުކާރުގައި އެއްބަސްވެފައި އޮތީ ފިނިޝިންއާ ނުލައި ފްލެޓްތައް ހަވާލުކުރާށެވެ. މި ސަރުކާރުން ފިނިޝިން ނިންމައި ހަވާލުކުރުމުގެ ވިސްނުންތަކެއް ގެންގުޅުނު ނަމަވެސް ހަވާލުކުރުން ލަސްވާތީ، ފްލެޓް ލިބޭ މީހަކު ފިނިޝިން ނިންމާ ގޮތަށް ފްލެޓްތައް ދޫކުރަން ވަނީ ނިންމައިފަ އެވެ.
ފިނިޝިން ނުނިންމައި މި ފްލެޓްތައް ހަވާލުކުރުމަކީ އެތަނުގައި ދިރިއުޅެން ފަށާ މީހުންނަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ. އެހެންވެ އެޗްޑީސީން ނިންމާފައި އޮތީ އަންނަ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދުވަސް ފިނިޝިންއަށް ދޭށެވެ.
މި މަޝްރޫއު ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 437 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެ ލޯނު ހޯދީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.












