ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް މިއަދު ސުވާލުކޮށްފި އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުން ދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކުމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
އެ އިންކުއަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާނެވެ. މީގެކުރިން ފުލުހުންގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.
ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ކުރިއަށް ގެންދާއިރު، ހާޒިރުކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ސާފު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މިނިސްޓަރު އިމްރާން ކައިރިން ސާފުކޮށްފައިވަނީ ހަމަލާގެ މައުލޫމާތު އިންޓެލްއަށް ނުލިބުނު ސަބަބާ ގުޅޭ ގޮތުންނެވެ.
ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ފުރަތަމަ ޕާލިމަންޓަރީ އިންކުޔަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާގުޅޭ ގިނަ މުއައްސަސާތަކެއްގެ ބޭފުޅުން ވަނީ ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފްއަށެވެ.
ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.
އެކަމަކު މަޖިލީހުން ހިންގަނީ ތަހުގީގެއް ނޫން ކަމަށް ބުނުމުން ސިފައިން ފަހުން ވަނީ އެކަމުގައި ދޫދީފަ އެވެ.
އަދި އޭގެ ފަހުން ވަކިވަކި ސިފައިން ވެސް ކޮމިޓީއަށް ހާޒިރުވެ ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މިމަހުގެ ނިޔަލަށް އެ ރިޕޯޓު ނިންމަން ކޮމިޓީން އަމާޒު ހިފާފައިވާއިރު، އަދި މިހާތަނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށްފައެއް ނުވެ އެވެ.












