ކޮވިޑުގައި ހާލު ބޮޑުވި މާބަނޑު މީހަކު އަނެއްކާވެސް އައިސީޔޫގައި ފަރުވާދެމުން އަންނައިރު, ހާލު ސީރިއަސްވީ ފަރުވާ ލަސްވުމުން ކަމަށް އާއިލާ އިން ތުހުމަތުކޮށްފި އެވެ.
ކޮވިޑުގައި ހާލުބޮޑުވި ލ. ފޮނަދޫ މީހަކު އަށް މަހުގައި ސިޒޭރިއަނަށް ފަހު މިދިޔަ ހަފުތާގައި މަރުވެފައިވެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވެ، ހާލު ދެރަވެ އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަނީ ކ.ހުރާ، ފޯރަދޮށުގެ، މަރިޔަމް އަހުމަދު (24) އެވެ. އޭނާ ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިޔަ ދުވަހު ސިޒޭރިއަން ހަދައި ދަރިފުޅު ވަނީ ނަގައިފަ އެވެ. ދަރިފުޅުގެ ހާލު ސީރިއަސްކަމުން މިހާރު އޮތީ އެންއައިސީޔޫގަ އެވެ.
މަރިޔަމް ބަނޑުބޮޑުވީއްސުރެން ފެށިގެން ޑޮކްޓަރަށް ދެއްކީ އޭޑީކޭއަށެވެ. އާއިލާ އިން ތުހުމަތުކުރާ ގޮތުގައި, މަރިޔަމްގެ ހާލު ސީރިއަސްވީ ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން އޭނާއަށް ފަރުވާދޭން އޭޑީކޭ އިން ދެކޮޅު ހަދައި ފޮނުވާލުމުންނެވެ.
އެކަމަކު, އޭޑީކޭ އިން އެ ތުހުމަތު ދޮގު ކުރެ އެވެ.

އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ހޮސްޕިޓަލުން ފަރުވާ ނުދިނީ ނޫން ކަމަށާއި، ދެވެން ހުރި ފަރުވާ ދިނުމަށްފަހު، ކޮވިޑް އިންޓެންސިވް ފަރުވާދޭ ތަނަކަށް އެޑްމިޓްވުމަށް އެޑްވައިޒްކުރީ ކަމަށެވެ.
"އޭނަގެ ހާލަތު ބަލާފައި މިތަނުން އެޑްވައިސްކުރީ ކޮވިޑް އިންޓެންސިވް ފަރުވާދޭ ތަނަކަށް އެޑްމިޓްވުމަށް. މިތަނަށް އައުމުން ދޭން ޖެހޭ ފަރުވާ ދީފައިވާނެ," އަފްއާލް ވިދާޅުވި އެވެ.
މަރިޔަމްގެ މަންމަ, އަޒީމާ ހުސެއިން "އަދަދު"އަށް ކިޔައިދިން ގޮތުގައި, ވިހަން ގާތްވުމުން މިދިޔަ މަހުގެ 28 ގައި ޑޮކްޓަރަށް ދައްކަން މާލެ އައި ނަމަވެސް އެ ފަހަރު އޭޑީކޭގެ ޑޮކްޓަރު ބަލިވުމުން ނުދެއްކި އެނބުރި ރަށަށް ދާން ޖެހުނެވެ. ރަށުގައި ކަރަންޓީންގައި ހުރެފައި ރިޕޯޓްތައް އޭޑީކޭގެ ޑޮކްޓަރަށް ދެއްކުމުން ހަކުރު މަތިކަން އެނގުނު ކަމަށް އާއިލާ އިން ބުންޏެވެ.
އެ ޑޮކްޓަރު އިރުޝާދު ދިނީ ކޮންމެ ދުވަހަކު ހަކުރު ޓެސްޓް ކުރާށެވެ.
އެކަމަކު ހުރާގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުން އެ ޓެސްޓް ކުރެވެން ނެތް ކަމަށް އެންގި ކަމަށް މަރިޔަމްގެ މަންމަ ބުންޏެވެ. އެކަމަކު ހޮސްޕިޓަލުން ބުނަނީ ޓެސްޓްކުރަން ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.
އެ މީހުން ބުނީ މަރުކަޒަކުން ނެތޭ ކޮންމެ ދުވަހަކު ހަކުރު ޓެސްޓް ކޮށްދެވޭކަށް. ކަމެއް ވިޔަކަސް ޒިންމާއެއް ނުނަގާނަމޭ.
ހުރަ އިން ޓެސްޓް ހެދެން ނެތުމުން މަރިޔަމް މާލެ އައީ އޭޑީކޭގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އޭނާ މި މަހު 7 ގައި އޭޑީކޭގެ ޑޮކްޓަރަށް ދައްކައި ސާމްޕަލް ނެގިއިރު، ޕޮޒިޓިވްކަން އެނގުނެވެ.
އޭގެ ދެ ދުވަސް ފަހުން އެމަޖެންސީގައި އަނެއްކާވެސް އޭޑީކޭއަށް މަރިޔަމް ގެންދިޔައީ ނޭވާލާން އުނދަގޫ ވުމުންނެވެ. އެދުވަހު އޭޑީކޭއިން ބެލުމަށްފަހު ބޭސް ދިނެވެ. އެއާއެކު ކޮވިޑް އިންޓެންސިވް ފަރުވާދޭ ތަނަކަށް އެޑްމިޓްވުމަށް އޭޑީކޭ އިން އެޑްވައިޒް ކުރުމުން ގެއަށް ގޮސް އެޗްޕީއޭ އަށް ގުޅައި މައުލޫމާތު ހިއްސާކުރުމުން ފްލޫ ކްލިނިކަކަށް ދައްކަން އިރުޝާދު ދިނުމުން ފުލޫ ކުލިނިކަކަށް ދެއްކި ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ބުނެފައިވަނީ ފުލޫ ކުލިނިކުން ކޮވިޑް ފެސިލީޓީއަކަށް ބަދަލުކުރި ކަމަށާއި ޖެހިގެން އައި ދުވަހު (12 ވަނަ ދުވަހު) މަރިޔަމްގެ ހާލު ދަށްވެ ދަރުމަވަންތައަށް ބަދަލު ކުރީ ކަމަށެވެ.
މަރިޔަމްގެ ސިޒޭރިއަން ހެދީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑުގެ މާބަނޑު މީހުންނަށް ހާއްސަކޮށްފައިވާ ވޯޑަށް ގެންދިޔަ ދުވަހެވެ. އޭނާގެ ހާލު ސީރިއަސްވީ އެ ރޭ ދަންވަރު 3:30 ހާއިރު ކަމަށް މަންމަ ކިޔައިދިނެވެ.
"ކޮވިޑް ޖެހުނީމަ ފުއްޕާމޭ ވެސް ހުރީ އެއްކޮށް ހަލާކުވެފައޭ. އިއްޔެ 96ގަ ހުރީ [އަންގާރަދުވަހުގެ] ރޭ ގައި ވެސް 95ގައި ހުރެފަ 91 އަށް ވެއްޓުނު 91." ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ސިޒޭރިއަނަށް ފަހު, ދަރިފުޅު ނަގައި ނާސަރީގައި ފަރުވާދޭން ޖެހުނީ އިންފެކްޝަން މަތިވުމުންނެވެ.
އަވަސް އަވަހަށް ނޭވާލުމާއި ބީޕީ ދަށަށް ދިއުމާއި ދެން ވަރަށް ބޮޑަށް ރީނދޫ ވެފަ އޮތީ.
މަރިޔަމްގެ އާއިލާއިން ތުހުމަތު ކުރަނީ އެ ހާލަތުގައި އޮންނަން ޖެހުނީ ހުރާގެ ސިއްހީ މަރުކަޒާއި އޭޑީކޭއިން ފަރުވާ ނުލިބުމުންނެވެ. އެއީ އެ ފަރާތްތަކުގެ އިހުމާލުން ވީ ކަމެއް ކަމަށް އާއިލާއިން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ބަސް
އާއިލާއިން ކުރާ ތުހުމަތާ ގުޅިގެން އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލަށް ބަލި މީހާ ގެނެވިފައިވަނީ އެމްބިޔުލަންސްގައި ކަމަށާއި، އޭނާ ވަގުތުން އީއާރުއަށް ގެންދެވުނު ކަމަށެވެ. އީއާރުއަށް ގެންދިޔުމުގައި ވީލްޗެއާ އެއް ނޫނީ ސްޓްރެޗަރެއްގެ އެހީތެރިކަން ވެސް ބޭނުންނުވާކަން އޭޑީކޭއިން ފާހަގަކުރި އެވެ.
އޭޑީކޭއިން ބުނީ އީއާރުގައި ފަރުދާ ދެވުނުއިރު އޮކްސިޖަން ސެޗުރޭޝަން ވެސް ހުރީ ނޯމަލްގައި ކަމަށާއި، އެކަމަކު ވޯޑުގައި އެޑްމިޓުކުރަން އާއިލާއިން އެދުނު ކަމަށެވެ.
ނަމަވެސް، އެ ބަލި މީހާ ވިހަން ކައިރިވެފައިވާއިރު، ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހުންނަށް ހާއްސަ ޑެލިވެރީ ޔުނިޓެއް ނެތުމުގެ އިތުރުން އަލަށްވިހާ ކުދިންގެ އައިސީޔޫގައި ވެސް ކޮވިޑަށް ހާއްސަ އިންތިޒާމެއް ނެތް ކަން އާއިލާއާ ހިއްސާ ކުރެވުނު ކަމަށް އޭޑީކޭ އިން ބުންޏެވެ.
އެއާއެކު އައިޖީއެމްއެޗަށް ބަލި މީހާގެ މައުލޫމާތު ހިއްސާކުރެވުނު ކަމަށާއި، ނަމަވެސް، ވިހާ ދުވަސް ކައިރިވެފައިނުވާތީ އެ ހޮސްޕިޓަލުގައި އެޑްމިޓުކުރާ އުސޫލަށް ނުފެތޭކަމަށް މައުލޫމާތު ދިން ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން އެހެން ބުނުމުން ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންގޮސްދޭން ބަލި މީހާގެ އާއިލާއަށް ހުށަހެޅި ކަމަށާއި ނަމަވެސް އޭޑީކޭގައި އެޑްމިޓު ނުކުރެވޭތީ އާއިލާއިން ބޭނުންވީ ބަލި މީހާ ގެއަށް ގެންދަން ކަމަށެވެ.
ގެއަށް ދާން އެމްބިޔުލެންސެއް ހަމަޖައްސައިދޭން ހުށަހެޅުމުން، އާއިލާއިން އެކަމަށް އިންކާރުކޮށް ބަލި މީހާ ގެއަށް ގެންގޮސްފައިވަނީ އަމިއްލައަށް ކަމަށް އޭޑީކޭއިން ބުންޏެވެ.
ބަލި މީހާ ގެއަށް ދިއުމުގެ ކުރިން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ފަރުވާ ކުރިއަށް ގެންދިޔުމަށާއި، ބަލީގެ ހާލަތު ގޯސްވެއްޖެ ނަމަ ލަސްނުކޮށް އަނބުރާ އީއާރުއަށް އައުމަށް ބަލި މީހާއަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.
ހުރާގެ މަޒުކަޒުގެ ބަސް
ހުރާ މަރުކަޒު މިވަގުތު ހިންގުމާ ހަވާލުވެ ހުރި މުހައްމަދު ސާމީ "އަދަދު" އަށް ވިދާޅުވީ (ލޭ ނަގައިގެން ހަދާ) ހަކުރު ޓެސްޓް ހެދެން ނެތުމުން އެ އާއިލާ އަށް އެކަން އެންގި ކަމަށެވެ.
"އިންސިއުލިން ޓެސްޓް ހެދޭނެ ރަށުން ވެސް. އެކަމަކު ކަރަންޓީނުގަ ތިބި ބައެއް ކައިރިއަށް ކޮންމެ ދުވަހަކު ޕީޕީއީ ލައިގެން ނުދެވޭނޭ. ސާމްޕަލް ނަގަން އަންނަ ދުވަސް ކަހަލަ ދުވަހެއް ވެއްޖާ ޓެސްޓް ހެދިދާނެ" އޭނާ ވިދާޅުވި އެވެ.
"ކަރަންޓީނުގައި ތިބޭ މެޑިކަލް ހިސްޓްރީ އޮންނަ ބައެއް ވެއްޖާ ވައިބާ ކޮށްލަން ނޫނީ ރަސްމީކޮށް ހުށަހަޅާލީމަ އެކަން ކޮށްދެން. އަޅުގަނޑު ވެސް ގަބޫލުކުރަން އެންމެ އެކަށީގެންވާ ސިއްހީ ހިދުމަތްތަކެއް ނުދެވޭކަން. އެހާ މަދު ސްޓާފުންނާ އެކު މަސައްކަތް ކުރަނީ ވެސް" އޭނާ ވިދާޅުވި އެވެ.
ހުރާ ސިއްހީ މަރުކަޒުން ބުނި ގޮތުގައި މަރިޔަމް މާލެ ދިޔައީ ރަށުގައި ކަރަންޓީން ނުނިމެނީހެވެ.
ކޮންމެ ދުވަހަކު ޓެސްޓް ހަދަން ޖެހޭ ފަރާތެއް ނަމަ ރަސްމީކޮށް ލިޔުން ހުށަހެޅުމުން ޓެސްޓް ހަދައިދޭނެ ކަމަށާއި ނަމަވެސް އެ އާއިލާއިން އެ ފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ހުރާގެ ސިއްހީ މަރުކަޒުން ބުންޏެވެ.
މަރިޔަމްގެ މަންމަ މިއަދު ވެސް ބުނީ، އޭނާގެ އޮކްސިޖަން ލެވެލް ރޭ ވެސް 70 އަށް ވެއްޓި ހާލު ސީރިއަސްވި ކަމަށެވެ.












