ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުންނާއި ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ ހެލްތު މިނިސްޓްރީގެ އިސް މުވައްޒަފަކަށެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން މިރޭ "އަދަދު"އަށް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް ބަލަން އެ މިނިސްޓްރީގައި އުފައްދާފައިވާ ކޮމިޓީއަށް ހުށަހަޅައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައި ނުވާ އޭނާ ވިދާޅުވި އެވެ.
"ގާނޫނުން އުފައްދާފައި އޮތް ކޮމިޓީން ބަލާނެ. ހަމަ އެ އޮންނަ އުސޫލުގެ ތެރެއިން," ތަސްލީމާ ވިދާޅުވި އެވެ.
އެ މައްސަލަ ކޮމިޓީން ބަލަން ފެށީ މިދިޔަ ބުދަ ދުވަހެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.












