ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި ޔުއެފާ ނޭޝަންސް ލީގުގައި ޖާމަނީ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެ ނަތީޖާތަކާ ހުރެ ޖަރުމަނު ޓީމަށް އަމާޒުވާ ފާޑުކިޔުންތައް އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ. މި ފަހަރު ޔޫރޯ އަށް ނުކުންނައިރު މި މުބާރާތުގެ ތާރީހުގައި އެންމެ ރެކޯޑް ރަނގަޅީ ޖާމަނީ އެވެ. އެ ޓީމުން ވަނީ ތިން ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 1972، 1980 އަދި 1996 ވަނަ އަހަރު އެވެ.. މި ފަހަރުގެ ޔޫރޯ އަކީ ޖަރުމަނުން މި މުބާރާތުގައި ވާދަކުރާ 13 ވަނަ ފަހަރެވެ. އެންމެ ފަހުން 13 ފަހަރު ވެސް އެ ޓީމު ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ.
މި ފަަަހަރުގެ ޔޫރޯ އަށް ޖާަމަނީ ކޮލިފައިވީ ކޮލިފައިންގެ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ،. ޖާމަނީ އިން ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދީ އެ ގްރޫޕްގައި ވާދަކުރި ނެދަލެންޑްސް ފަހަތަށް ޖައްސާލުމަށް ފަހު އެެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ޖާމަނީ ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އަނެއް މެޗުން ވަނީ ބަލިވެފަ އެެވެ. އެއީ ޖަރުމަނު ދަނޑުަގއި 4-2 އިން ނެދަލެންޑްސް މޮޅުވި މެޗެވެ.
ޖަރުމަނު ސްކޮޑުން މި ފަހަރުގެ މުބާރާތާ ދިމާކޮށް ވަނީ އަލުން ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މެޓް ހަމެލްސް އާއި ތޯމަސް މުލާ އަށް އަލުން ފުރުސަތު ދިނުމުން ޖަރުމަނު މީޑިއާ އިން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ޖަރުމަނު ޓީމުން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ބަޔާން މިއުނިކްގެ ސާޖް ގްނަބްރީ، ލެރޯއި ސާނޭ އަދި ޔޯސުއާ ކިމިކް އެެވެ . މީގެ ތެރެއިން ގްނަބްރީ އަކީ ކޮލިފައިންގައި ޖަރުމަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެެވެ. އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ.
ކޯޗު: ޔަކީމް ލޯ
މި ފަހަރުގެ ޔޫރޯގެ ކުރިން ޖާމަނީގެ ކޯޗު ޔަކީމް ލޯ ވަނީ މި ފަހަރުގެ މުބާރާތަކީ އޭނާ އެ ޓީމަށް ކޯޗުކޮށްދޭނެ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ. ފަނަރަ އަހަރަށް ފަހު ޖާމަނީ ދޫކޮށްލަން ލޯ ނިންމުމާ އެކު ޖާމަނީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ މަގާމަށް ބަޔާން މިއުނިކްގައި ހުރި ކޯޗު ހަންސީ ފްލިކް ހަމަޖައްސައިފަ އެވެ. ފްލިކަކީ ކުރިން ލޯގެ އެސިސްޓަންޓް ކޯޗެވެ. ލޯ އާއި ފްލިކް އެކުވެެގެން ވަނީ ޖާމަނީ އަށް 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ލޯގެ ކޯޗުކަމުގައި ޖާމަނީ ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުންނާއި 2012 އާއި 2016 ވަނަ އަހަރުގެ ސެމީ ފައިނަލުން ބަލިވެފަ އެވެ

ސްކޮޑު
ކީޕަރުން: މެނުއަލް ނޯޔާ (ބަޔާން މިއުނިކް)، ބާން ލެނޯ (އާސެނަލް)، ކެވިން ޓްރަޕް (ފްރޭންކްފާޓް)
ޑިފެންޑަރުން: މަތައިސް ގިންޓާ (މުންޗެންގްލަޑްބެކް)، އެންޓޯނިއޯ ރޫޑިގާ (ޗެލްސީ)، ރޮބިން ގޮސެންސް (އެޓަަލަންޓާ)، ކްރިސްޓިއަން ގަންޓާ (ފްރެއިބާގް)، މާސެލް ހޯލްސްޓެންބާގް (ލައިޕްޒިގު)، މެޓް ހަމެލްސް (ޑޯޓްމަންޑް)، ލޫކަސް ކްލޯސްޓަަމަން (ލައިޕްޒިގު)، ރޮބިން ކޮކް (ލީޑްސް ޔުނައިޓެޑް)، ނިކްލަސް ސޫލާ (ބަޔާން މިއުނިކް)
މިޑްފީލްޑަރުން: އިލްކާއި ގުންޑޮގާން (މެންޗެސްޓާ ސިޓީ)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)، އެމްރޭ ޗާން (ޑޯޓްމަންޑް)، ޔޯސުއާ ކިމިކް (ބަޔާން މިއުނިކް)، ތޯަމަސް މުލާ (ބަޔާން މިއުނިކް)، ޖަމާލް މުސިއާލާ (ބަޔާން މިއުނިކް)، ސާޖް ގްނަބްރީ (ބަޔާން މިއުނިކް)، ލެއޯން ގޮރެޓްޒްކާ (ބަޔާން މިއުނިކް)، ކައި ހަވާޓްޒް (ޗެލްސީ)، ޖޮނަސް ހޮފްމަން (މުންޗެންގްލަޑްބެކް)، ލެރޯއި ސާނޭ (ބަޔާން މިއުނިކް)، ފްލޯރިއަން ނިއުހައުސް (މުންޗެންގްލަޑްބެކް)
ފޯވާޑުން: ޓިމޯ ވާނާ (ޗެލްސީ)، ކެވިން ވޮލަންޑް (މޮނާކޯ)












