ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހާއަށް އެހީވާން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.
އާދަމް އުމަރު، 41 އަކީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ދިން އެ ހަމަލާގައި ޒަހަމްވި އެކަކެވެ. އެނާގެ ފަޔަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔައީ އެތަނަށް ސައިކަލެއްގައި މަޑުކުރި ދެ ޒުވާނެކެވެ.
އޭނާގެ ކަނާތު ފައިގެ ކުޑަވާ އިނގިއްޔާ ދިމާލުން ތިން އިންޗިއެއްހާތަން އޭރު ހުރީ ފަޅައިގެން ގޮސްފަ އެވެ. އެ އިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފަ އެވެ. ޑޮކްޓަރުން ވަގުތުން އެންގީ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށެވެ. އޮޕަރޭޝަނެއް ކުރުމަށްފަހު އާދަމްގެ ކުޑަވައި އިނގިއްޔާ ދިމާލަށް ވަނީ ދަގަނޑު ފޮއްޗެއް ލައްވައިފަ އެވެ.
ރަށަށް ދިރިއުޅުން ބަދަލު ކުރުމަށް ނިންމައިގެން ހުއްޓާ ކުރިމަތިލާން ޖެހުނު މަރުގެ އެތިފަހަރުން ސަލާމަތްވީ ކިރިޔާ އެވެ. އެ ހާދިސާއަށް މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް ދިރިއުޅެން ޖެހިފައި ވަނީ އެ ބިރުވެރިކަމުގަ އެވެ. ރަނގަޅަށް ނުހިނގުމުގެ ސަބަބުން އަދާކުރަމުން ދިޔަ ވަޒީފާއިންވެސް ވަނީ ވަކިވެފަ އެވެ.
އާދަމަށް އެހީތެރިކަމެއް ނުލިބި ހާލުގައިޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން، ޖެންޑާ މިނިސްޓްރީން ބުނީ ބޮމުގެ ހަމަލާގައި ޒަހަމްވި މީހާއަށް އެ މިނިސްޓްރީގެ މެންޑޭޓުގެދަށުން ފޯރުކޮށްދެވޭނެ އެހީގެ މައުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އަދި ޖެންޑާއިން ވަނީ ދައުލަތުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މިޑިއާތަކުން ރިޕޯޓު ކުރާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ޓެރަރިސްޓް ހަމަލާގައި އެންމެ ބޮޑަށް އަނިޔާ ވެފައި ވަނީ ނަޝީދަށެވެ.
ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިހުރި އިރު، އެ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި އެވެ.
ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.












