ދެކުނު ޕާކިސްތާނުގައި ދެ ރޭލު ޖެހި ހިނހި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.
އޮފިޝަލުން ބުނީ ސިންދް ޕްރޮވިންސްގައި ހާދިސާ ހިނގަން މެދުވެރިވީ އެއް ރޭލު ދަގަނޑުން ކައްސާލި ވަގުތު، އެހެން ރޭލެއް އައިސް ޖެހިގެން ކަމަށެވެ.
މީހުން ސަލާމަތް ކުރާ ޓީމުތަކުން ވަނީ އަނިޔާވި މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ތިބީ ސީރިއަސް ހާލުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެކްސިޑެންޓުވި ދެ ރޭލު ވެސް ފުރޮޅާލުމުގެ ސަބަބުން ގިނަ ބަޔަކު އަޑީގައި ތާށިވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދު ހެނދުނު ކަރާޗީން ދަތުރު ކުރަމުން ދިޔަ މިއްލަތު އެކްސްޕްރެސްގެ ރޭލު ދަގަނޑުން ކައްސާލި ސަބަބު އަދި ސާފެއް ނުވެ އެވެ. އޭ ރޭލު ފުރޮޅާލާފައި އޮއްވާ އޭގައި ޖެހުނީ ރާވަލްޕިންޑީން އައި ސާ ސައިދް އެކްސްޕްރެސްގެ ރޭލެކެވެ.
ނުރައްކާތެރި ރޭލް އެކްސިޑެންޓުތައް ދޭތެރެއަކުން ޕާކިސްތާނުގައި ހިނގަ އެވެ. ގިނަ ބަޔަކު ދަތުރު ކުރަން ރޭލު ބޭނުން ކުރާއިރު، ބައެއް ފަހަރު ހުއްދަކޮށްފައިވާ ލިމިޓަށް ވުރެ ގިނައިން ޕަސަންޖަރުން އުފުލަ އެވެ.
ރޭލުތަކަށް ގިނަސް ދުވަސްވެ، ބާވެފައި ވުމާއި، ރޭލު ދަގަނޑުތައް ރަނގަޅަށް މޮނިޓާ ނުކުރުން ފަދަ ކަންކަމާ ހެދި އެކްސިޑެންޓުތަކަށް މަގުފަހިވެ އެވެ.










