ރިޕޯޓުގެވެށި އަނިޔާގެ ގާނޫނުން ލިބޭ ހިމާޔަތާއި އަދަބު!

ގެވެށި އަނިޔާގެ ގާނޫނުން ލިބޭ ހިމާޔަތާއި އަދަބު!

ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނަކަށް ގާނޫނުން ހިމާޔަތް ލިބިދޭ ގޮތުގެ އާޓްވޯކެއް - އަބްދުﷲ ޝަފީއު (އަބޯ)
ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނަކަށް ގާނޫނުން ހިމާޔަތް ލިބިދޭ ގޮތުގެ އާޓްވޯކެއް - އަބްދުﷲ ޝަފީއު (އަބޯ)

ގޭތެރެއިން އުފެދޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ވާހަކަ ގާނޫނަށް ތިރިކޮށްފައި އޮތް ނަމަވެސް، އެ ގާނޫނަކީ އެއަށް އެހާ އަހުލުވެރި ގާނޫނެއް ނޫނެވެ. އެކަމަކު، އެ ގާނޫނުގައި އެފަދަ މައްސަލަތަކުގައި އަމަލު ކުރަމުންދާ ގޮތުގެ މުހިންމު މާއްދާތަކެއް އެބަ ހުއްޓެވެ؛

އެންމެ ފުރަތަމަ ކަމަކަށް، 2012 ވަނަ އަހަރު އެކުލަވާލި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި 17 ކަމެއް ގެވެށި އަނިޔާގެ އަމަލުގެ ގޮތުގައި ލިސްޓްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ޖިސްމާނީ، ޖިންސީ، ނަފުސާނީ، މާލީ ގޮތުން އަނިޔާ ދިނުމާއި ބިރު ދެއްކުމާއި ގޯނާކުރުމާއި ފާރަލުމާއި މުދަލަށް ގެއްލުން ދިނުމާއި ސިއްހަތަށް ގެއްލުވާ ހާލަތުގައި މާބަނޑުކުރުވުމާއި އަމިއްލަ އިހްތިޔާރުގައި ނުކުރާނެ ކަމެއް ބިރުދައްކައިގެން ކުރުވުން ކަހަލަ ކަންކަން ހިމެނެ އެވެ.

ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުމަކީ ވެސް ގެވެށި އަނިޔާގެ އަމަލެވެ.

ގާނޫނުގައިވާ ގޮތުން، އެ އަމަލުތަކަކީ، ފިޔަވަޅުއެޅޭނެ، އަދި ގާނޫނުގެ އުސޫލުތައް ހިނގާނެ، މަދަނީ ޒިންމާ އުފުލަންޖެހޭ ހާލަތްތަކުގައި މަދަނީ ޒިންމާ އުފުލުމާ އެކު، އެ އަމަލަކީ ޖިނާއީ ކުށެއް ކަމަށްވާ ނަމަ ޖިނާއީ ކުށުގެ ދައުވާ އުފުލޭނެ ކަންކަމެވެ.

މީގެ މާނައަކީ، ގެވެށި އަނިޔާގެ ދަށުން މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ފަހު އެމީހެއްގެ މައްޗަށް ޖިނާއީ އަދި މަދަނީ ދައުވާ ވެސް އުފުލިދާނެ އެވެ. ގެވެށި އަނިޔާގެ ގާނޫނުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެއް ނެތެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބުނާ އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައި، އަދަބެއްގެ ގޮތުގައި ގާނޫނުގައި ލިޔެފައިވަނީ، 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ގެވެށި އަނިޔާގެ ކުރީގެ ގިނަ މައްސަލަތަކުގައި ޖޫރިމަނާއެއްގެ އަދަބު އެކަނި އޮތް ސަބަބަކީ އެއީ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ބޮޑެތި އަދަބުތަކެއް!

އަނިޔާގެ މައްސަލަތަކުގައި ކުރިން ޖޫރިމަނާ އޮތަސް މިހާރު ބޮޑެތި އަދަބުތަކެއް ދެވެން އެބައޮތެވެ. ޖޫރިމަނާއަށް ވުރެން އަދަބު ބޮޑުވީ، 2014 ވަނަ އަހަރު އެކުލަވާލި، ގާނޫނުލްއުގޫބާތުންނެވެ.

ގާނޫނުލްއުގޫބާތުގައި ބުނާ ހާއްސަ ގާނޫނުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ނުވަންނައިރު، ގެވެށި އަނިޔާގެ އަމަލުތަކަށް ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ދެވެން އެބަ ހުއްޓެވެ. އެގޮތުން، ގާނޫނުލްއުގޫބާތުގައި ޖެހުން، ބިރުދެއްކުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުން، ފާރަލުން ފަދަ ކަންކަން ކުށުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ގެވެށި އަނިޔާގެ ގިނަ އަމަލުތައް މިފަދަ ކުށްތަކުގެ ތެރެއަށް ވަދެ އެވެ.

އެހެންކަމުން މިހާރު އާއްމުކޮށް މިފަދަ މައްސަލަތަކުގައި ވެސް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތާ ހަވާލާދީ ކަމުން، އަދަބު ވެސް ކަނޑައަޅަނީ އެ ގާނޫނުގެ ދަށުންނެވެ. އެފަދަ ކުށްތަކަށް ގާނޫނުލްއުގޫބާތުގައި އެކަށީގެންވާ މިންވަރުގެ އަދަބުތައް، ޖަލުގެ އަދަބު ނުވަތަ ޖޫރިމަނާގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައި ހުރެ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ކުށަށް އަދަބު ދިން ނަމަވެސް، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ވެސް ފިޔަވަޅު އެޅޭނެ އެވެ. މިއީ އެއް ކުށެއްގައި ދެ ފަހަރަށް އަދަބު ދިނުން ކަމުގައި ބެލޭ ހާލަތެއް ނޫނެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ގެވެށި އަނިޔާގެ އަމަލަކަށް، ޖިނާއީ ކުށުގެ އަމަލެއްކަމުގައި ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން އެ ކުށުގެ އަމަލަށް ލިބެން ޖެހޭ ޖިނާއީ އަދަބު ލިބުމަކީ، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އޮތް ހުރަހެއް ނޫން ކަމެވެ.

"ޖިނާއީ ކުށަކާ ގުޅިގެން ކުރާ ދައުވާކުރުމާއި ދޭ އަދަބުދިނުމުގެ އިތުރުން، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް ވެސް، އެ ކުށުގެ އަމަލު ހިންގި މީހާ އަދި، އެ ކުށުގެ ޝިކާރައަކަށްވީ މީހާއާ މެދު، މި ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންވާނެ،" ގާނޫނުގައިވެ އެވެ.

އާއިލާއެއް ބީޗުގައި ކުޅެނީ: ގެވެށި އަނިޔާގެ ގާނޫނަކީ މުހިންމު ގާނޫނެއް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
އާއިލާއެއް ބީޗުގައި ކުޅެނީ: ގެވެށި އަނިޔާގެ ގާނޫނަކީ މުހިންމު ގާނޫނެއް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އާއިލާއެއް ބީޗުގައި ކުޅެނީ: ގެވެށި އަނިޔާގެ ގާނޫނަކީ މުހިންމު ގާނޫނެއް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެންމެ މުހިންމު ފިޔަވަޅު؛ ރައްކާތެރިކުރުމުގެ އަމުރު

ގެވެށި އަނިޔާގެ ގާނޫނުގައިވާ އެކު ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކުރުމުގެ އަމުރަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ؛

މި އަމުރަކީ، ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރެކެވެ.

ގާނޫނުގައިވާ ގޮތުން، ގެވެށި އަނިޔާގެ އަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭހިނދު، އެފަދަ އަމަލެއް ހިނގިޔަނުދިނުމަށްޓަކައި، ނުވަތަ އެފަދަ އަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެ އެވެ.

ރައްކާތެރިކުރުމުގެ އަމުރެއްގެ އެންމެ އަސާސީ އެއް މަގްސަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، ސިއްހަތުގެ ދުޅަހެޔޮކަމާއި، އޭނާގެ ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނުމެވެ.

ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި، ކޯޓަށް ހުށަހެޅިދާނެ އެވެ. މީހަކު މެދުވެރިކޮށް ކުޑަކުއްޖަކަށް ވެސް މިފަދަ އަމުރަކަށް އެދެވޭއިރު ކުއްޖާގެ ވާހަކަތައް ކޯޓުން އަޑުއެހުން ވެސް މަޖުބޫރެވެ.

ތިން ހާލަތެއްގައި މިފަދަ އަމުރަކަށް އެދޭ މީހާއަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ވެސް އެދެވިދާނެ އެވެ. އެއީ، ހުރެވުނު ހާލަތުގެ ގޮތުން އެކަމަށް އަމަލީ ގޮތުން ނުކުޅެދުމާއި އޭނާއަށް ކޮންމެވެސްވަރެއްގެ ބިރެއް އިހްސާސްކުރެވުން އަދި، އޭނާ ހުރި ހާލަތުގެ ގޮތުން އޭނާއަށް އޭނާގެ އަމިއްލަ ނަމުގައި އެފަދަ އަމުރަކަށް އެދުމަކީ އޭނާގެ މަސްލަހަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ބުރޫއަރާފާނެ ކަމަކަށްވުމެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހަކު މިފަދަ އަމުރަކަށް އެދުމުގެ ސަބަބުން ނެރޭ އަމުރު ރައްދުވާ މީހާއަށް ގާނޫނުން ގިނަ ކަންތައްތަކެއް މަނާކުރާއިރު، އެއާ ހިލާފުވެއްޖެނަމަ އަދަބުތައް ވެސް ކަނޑައަޅާފައިވެ އެވެ.

ރައްދުވާ މީހާއަށް މަނާވާ އަމަލުތައް؛

  • ރައްކާތެރިކުރެވިގެންވާ މީހާއަށް އެއްވެސް އަނިޔާއެއް ކުރުން
  • އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން
  • އެއްވެސް މުދަލަކަށް ގެއްލުމެއްދިނުން ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން
  • ބިރުގެންނެވުމުގެ ގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެ ގޮތުން، ނުވަތަ އޭނާއަށް ނަފްސާނީ ގޮތުން އަނިޔާކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން.

ގާނޫނުގައިވާ ގޮތުން، ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވުމާއި ޝަރުތަކާ އެއްގޮތަށް އަމަލުނުކުރުމާއި ވަކިގޮތަކަށް ވަކިކަމެއް ކުރުމަށް އަންގާފައިވަނިކޮށް، އެގޮތަށް އެކަމެއް ނުކުރުމަކީ ޖިނާއީ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ 15،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ކުށް ތަކުރާރުކުރާނަމަ، އަދަބު ބޮޑު ކުރެވޭނެ އެވެ.

މި ގާނޫނަކީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ގާނޫނަކަށްވާއިރު އޭގެ ތެރެއިން އެއް ކަމަކީ، ގާނޫނުގެ ދަށުން ކުށްކަމަށް ކަނޑައަޅާފައިވާ ކަމެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލުތަކެއް ނުހިނގުމެވެ. އަދި، ހަމައެކަނި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ގެވެށި އަނިޔާގެ އަމަލެއް ހިންގިކަން ސާބިތުވާ ކަމަށް ނިންމުމުގެ ބާރު ވެސް ގާނޫނުން ކޯޓަށް ދީފައިވެ އެވެ.

ވިލިމާލޭގައި ކުޑަކުއްޖަކު އޭނާގެ ބައްޕައާއެކު: ރައްކާތެރިކަމާއި ހިމާޔަތް ގާނޫނުން ލިބޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ވިލިމާލޭގައި ކުޑަކުއްޖަކު އޭނާގެ ބައްޕައާއެކު: ރައްކާތެރިކަމާއި ހިމާޔަތް ގާނޫނުން ލިބޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވިލިމާލޭގައި ކުޑަކުއްޖަކު އޭނާގެ ބައްޕައާއެކު: ރައްކާތެރިކަމާއި ހިމާޔަތް ގާނޫނުން ލިބޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހައްޔަރުކުރުމުގެ ބާރު

ގެވެށި އަނިޔާގެ ހާދިސާއެއް ހިންގާފައިވާ ތަނެއްގައި ތިބި މީހުންގެ ތެރެއިން މީހަކު ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާ ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، ކޯޓުގެ އަމުރަކުން ހުއްދަ ލިބުމަކާނުލާ، ގެވެށި އަނިޔާގެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮންމެ މީހަކު ފުލުހުންނަށް ހައްޔަރުކުރެވިދާނެ އެވެ.

ރައްކާތެރިކުރުމުގެ އަމުރެއް ނިސްބަތްވާ މީހާ، އެ އަމުރުގެ މުއްދަތުގައި، އެ އަމުރާ ހިލާފު ކަމެއް ކޮށްފި ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ހެކިތަކެއް ހުރިނަމަ، އޭނާ ހައްޔަރުކުރެވިދާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

އިސްލާމީ ޝަރީއަތުގެ ހައްގެއްގެ ކަށަވަރުކަން

އިސްލާމީ ޝަރީއަތުގައި އަންހެނުންނަށް ލިބިގެންވާ ހާއްސަ ހައްގެއްކަމަށްވާ ތަފްރީގުކުރުމަކީ ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.

މިއީ ކައިވެނިކޮށްގެން އުޅޭ ދެ މީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން، އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، އެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދެމިއޮތްކަން ކޯޓަށް ކަށަވަރުވާހިނދު، އެ ދެމީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން، ޝަރުއީ ގޮތުން ރޫޅާލައި، އެ ކައިވެނި ނިމުމަކަށް ގެނައުމެވެ.

ގާނޫނުގައިވާ ގޮތުން، ކައިވެންޏެއް ތަފްރީގުކުރެވޭނީ، ކައިވެނީގެ ގުޅުމުން ގުޅިފައިވާ ދެމީހުންގެ ތެރެއިން، ފިރިހެންމީހާ އަންހެންމީހާގެ މައްޗަށް، ގެވެށި އަނިޔާގެ އަމަލު ހިނގުމުގެ ސަބަބުން، އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާ ތަފްރީގުކޮށްދިނުމަށް ކޯޓުގައި އެދޭ ހާލަތުގަ އެވެ.

ކައިވެންޏެއް ތަފްރީގުކުރުމުގެ އަމުރެއް ކޯޓުން ކުރުމާއެކު، އެ ކައިވެނި ނިމުމަކަށް އަންނާނެ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox