ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓްތައް މިއަދު ހަދަން ފަށާފައިވާ ކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވުނު މީހާ އަކީ ކޮވިޑު ޖެހި އެ ބަލިން ފަސޭހަ ވެފައި ހުރި މީހެކެވެ. އެ ބައްޔަށް ޝައްކުކުރެވުނީ މިއަދު އޭނާ ޑޮކްޓަރަށް ދެއްކުމުންނެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ އެކަން ޔަގީންކޮށް ދެއްވަމުން ވިދާޅުވީ، ކްލިނިކަލީ، ބްލެކް ފަންގަސްއަށް ޝައްކު ކުރެވޭ ކޭސްއެއް ފެނިފައިވާ ކަމާއި އިންތިޒާރު ކުރަމުން އަންނަނީ ޓެސްޓްގެ ނަތީޖާއަށް ކަމަށެވެ.
ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި ހާމައެއް ނުކުރެ އެވެ. އައިޖީއެމްއެޗުން މިކަމަށް އަދި ކޮމެންޓް ނުކުރާއިރު، ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި މިނިސްޓްރީން ދަނީ އެކަން ބަލަމުންނެވެ.
ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ބައްޔާ ގުޅޭ މައުލޫމާތު ޓްވިޓާގައި ހިއްސާ ކުރައްވައިފަ އެވެ. ފައިސަލް ވިދާޅުވީ މިޔުކޯމައިކޮސިސްއަކީ އޮޕޮޗިއުނިސްޓިކް ޖަރާސީމެއް ކަމާއި، އެއީ ދިފާއީ ނިޒާމު ދަށް މީހެއްގެ ގަޔަށް ވަނުން ވަރަށް ކައިރި ޖަރާސީމެއް ކަމަށެވެ.

"ދިފާއީ ނިޒާމު ދަށްވެދާނެ ވައިރަހުން ވެސް، ނުވަތަ ކާ ބޭހަކުން ވެސް، އެގޮތުން ކޮވިޑަށް ފަރުވާކުރަން އަމިއްލައަށް ސުޓެރޮއިޑް ކެއުން މީ މީގައި އެންމެ ގިނައިން ދިމާވާ އެއް ސަބަބު،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އާއްމުކޮށް ވަރަށް މަދުން ފެންނަ މި އިންފެކްޝަނަކީ ހަކުރު ބަލީގެ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފުރާނައަށް ނުރައްކާވެދާނެ އިންފެކްޝަނެކެވެ. އެގޮތުން ކެންސަރާއި އެއިޑްސް ބަލީގެ މީހުންނަށް ވެސް ނުރައްކާ ބޮޑެވެ.
ބްލެކް ފަންގަސް އިންފެކްޝަން ހަށިގަނޑުގައި އާއްމުކޮށް ފެތުރެނީ ވެއްޔާއި، ގަހާއި، ގަސް ކާނާގެ ގޮތުގައި ބޭނުން ކުރާ ޖަނަވާރުގެ ނަޖިސް އަދި ކުނިވަމުންދާ މޭވާ އާއި ތަރުކާރީގައި ހުންނަ މިއުކާ މޯލްޑް ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އިންޑިއާގައި ބްލެކް ފަންގަސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޑޮކްޓަރުން ލަފާކުރަނީ ބްލެކް ފަންގަސް އިތުރުވީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ ސްޓިރޮއިޑްސްގެ ސަބަބުން ކަމަށެވެ.













