ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ހިތޯބުގައި، ރައްޔިތުންގެ ބޮޑު ކަންބޮޑުުވުމެއް އޮތް އިންޓަނެޓުގެ އަގާއި ފެންވަރަށް ބަދަލު އަންނާނެ ކަމުގެ ޔަގީންކަން އާ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ދެއްވައިފި އެވެ.
މިއީ، ވަޒީރުކަމާ މި މަހުގެ ފަސް ވަނަ ދުވަހު ހަވާލުވެވަޑައިގަތް ފަހުން އެ ވުޒާރާ އިން ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް ފުރަތަމަ ދެއްވި ޔަގީންކަމެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުންގެ އެ އިހްސާސްތަކަށް ރިއާޔަތްކޮށް އިންޓަނެޓުގެ ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ އާއި ބޭރު ދުނިޔެ ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމްކުރުމަކީ ވެސް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެވެ،" ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ހެޔޮއަސަރު ދިވެހި އިގްތިސާދަށް ލިބި ދިވެހިން އެދޭ ތަރައްގީ ހޯދަން މަގުފަހިވެގެންދާނެ އެވެ.

ޓެލެކޮމިއުނިކޭޝަން ދުވަސް މި އަހަރު ފާހަގަކުރަނީ މުޅި ދުނިޔެ، އަދި ރާއްޖެ ވެސް ކޮވިޑް 19 އިން އަރައިނުގަނެވިގެން އުޅެނިކޮށް ކަން ފާހަގަކުރެއްވި އެވެ. މި ހާލަތުގައި ޓެލެކޮމިއުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންތެރިކަން ކުރިއަށް ވުރެން ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ސަބަބުން ދުނިޔެއަށް ހާމަވެގެން ދިޔައީ މުޖުތަމައު ނުހުއްޓި ހިނގަމުން ދިއުމުގައި އައިސީޓީ ވަސީލަތްތައް އާދަކުރާ މުހިއްމު ދައުރު ކަމަށެވެ. ހަމައެއާ އެކު ގައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުމުގައި ހުރި ފަަރަގު ވެސް މި އަންނަނީ ފާހަގަވަމުން ކަމަށް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ޝިއާރު "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އިން ޗެލެންޖިން ޓައިމްސް" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން ގައުމުތަކަށް ލިބޭ ހިތްވަރެކެވެ.
ރާއްޖޭގެ އައިސީޓީ މާހައުލަށް ބަލާއިރު، މީގެ 78 އަހަރު ކުރިން ތައާރަފްކުރި މި ހިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކުރެއްވި އެވެ. ރާއްޖެ އާއި ބޭރު ދުނިޔެ ސަބްމެރީން ފައިބަ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވެސް ފައިބަ ނެޓްވޯކްތައް ވަނީ ގާއިމްކޮށްފަ އެވެ.
އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޯށްދޭން ޕްރައިވެޓް ސެކްޓާ އިން ކުރާ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައަކަށް ފައިބަ ނެޓްވާކް މެދުވެރިކޮށް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތާއި އެ ހިދުމަތް ރަށު ފެންވަރުގައި ފޯރުކޮށްދޭން ކުދިއަދި މެދުފަންރީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރެއްވި އެވެ.
މި ކުރިއެރުންތަކާ އެކު މި ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހިތާބުގައި ޝައުނާ ޔަގީންކަން ދެއްވީ އެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސް ކާމިޔާބު ހޯދާނެ ކަމެވެ.












