އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ 12 މިނިސްޓަރުންނާއި މި ސަރުކާރުގެ ތިން މިނިސްޓަރުގެ ނަމާ އެކު މިއަދު އާއްމުކޮށްފި އެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައި ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތަކާއި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.
ލިސްޓްގައި ހިމެނޭ ކުރީގެ މިނިސްޓަރުން
- ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ތަހުގީގު މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި މައްސަލަ އުޅޭއިރު ތުހުމަތު ކުރަނީ 200،000 ރުފިޔާ ލިބުނު ކަމަށް.
- ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް، ތަހުގީގު މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި، ފައިސާ ލިބުނު އަދަދެއް ނޭނގެ.
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ފައިސާ ލިބުނު އަދަދެއް ނޭނގެ.
- ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ތަހުގީގު ކުރިއަށް، ތުހުމަތު ކުރަނީ 579،286 ރުފިޔާ ލިބުނު ކަމަށް.
- ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 200،000 ރުފިޔާ ލިބުނު ކަމަށް.
- ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 200،000 ރުފިޔާ ލިބުނު ކަމަށް.
- ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ތަހުގީގު ކުރިއަށް ދާއިރު ތުހުމަތު ކުރަނީ 5،900،000 ރުފިޔާ ލިބުނު ކަމަށް.
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިބުތިދާއީ މަރުހަލާގައި ތަހުގީގު އޮތްއިރު ތުހުމަތު ކުރަނީ، 8،308،400 ރުފިޔާ ލިބުނު ކަމަށް.
- ބަންޑާރަ ނައިބު މުހައްމަދު އަނިލް، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 608،400 ރުފިޔާ ލިބުނު ކަމަށް.
- ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 2،231،300 ރުފިޔާ ލިބުނު ކަމަށް.
- ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ފައިސާ ލިބުނު އަދަދެއް ނޭނގެ.
- އެންވަޔަަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ތަހުގީގު މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ފައިސާ ނެގި އަދަދެއް ނޭނގެ.
މިހާރުގެ މިނިސްޓަރުން
މި ސަރުކާރުގެ ތިން މިނިސްޓަރުން ލިސްޓުގައި ހިމެނޭއިރު އޭގެތެރެއިން ދެ މިނިސްޓަރުން މިހާރު ތިބީ މަގާމުގައެއް ނޫނެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަކިކޮށްފައިވާ އިރު، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މަގާމުން ވަކިކުރީ އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އެހެންކަމުން މިހާރު ވަޒީރެއްގެ ގޮތުގައި ލިސްޓުގައި ނަން އޮތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެކަންޏެވެ.
- މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޒަހާ ވަހީދު، ތަހުގީގުގެ ޖިނާއީ މައްސަލަ ނިންމައި މަދަނީ މައްސަލާގެ ތަހުގީގު ކުރިއަށް ދަނީ. ތުހުމަތު ކުރަނީ 300،000 ރުފިޔާ ލިބުނު ކަމަށް.
- ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް، ތަހުގީގު މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 200،000 ރުފިޔާ ލިބުނު ކަމަަށް.
- ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ތަހުގީގު ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވުމުގެ މަރުހަލާގައި، ތުހުމަތު ކުރަނީ 33،000 ޑޮލަރު ލިބުނު ކަމަށް.
އޭގެ އިތުރުން މި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. އޭނާ 662،600 ރުފިޔާ ލިބުނު ކަމަށް ތުހުމަތު ކުރާއިރު އެ މައްސަލައިގެ ޖިނާއީ މައްސަލަ ނިންމައި މަދަނީ މައްސަލާގެ ތަހުގީގު ދަނީ ކުރިއަށެވެ.
- ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު
- ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު
- ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމް
- ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް
- ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާއިލް
- ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓާ އައިޝަތު ލީޒާ
- ސްޕޯކްޕާސަން އިބްރާހިމް މުއާޒް އަލީ
ލިސްޓުގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ.












