އިނގިރޭސި ލޭބަ ޕާޓީގެ ސާދިގް ހާން ދެ ވަނަ ފަހަރަށް ލަންޑަންގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންފި އެވެ.
އޭނާ ހޮވިވަޑައިގެންނެވީ 55.2 ޕަސެންޓު ވޯޓާ އެކު އިދިކޮޅު ކެންޑިޑޭޓް، ކޮންޒަވޭޓިވް ޕާޓީގެ ޝޯން ބެއިލީއާ ވާދަކުރައްވައިގެންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އެކަށީގެންވާ މެޖޯރިޓީ ނުލިބެ އެވެ. އެހެންވެ ދެ ވަނަ ބުރުގައި ވާދަކުރެއްވީ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ.
ކުރިން ޕާލިމެންޓު މެމްބަރުކަން ކުރައްވާފައިވާ ސާދިގް ހާންއަކީ ޔޫރަޕް ގައުމެއްގެ ވެރިކަން ކުރާ ރަށުގެ މޭޔަރުކަން ލިބިވަޑައިގެންނެވި ފުރަތަމަ މުސްލިމެވެ. އޭނާ އެންމެ ފުރަތަމަ ހޮވިވަޑައިގެންނެވީ 2016 ގަ އެވެ.
ދެ ވަނަ ފަހަރަށް އިންތިހާބުވެ ވަޑައިގެންނެވުމުން ލަންޑަން ސިޓީ ހޯލްގައި ހުންނަވާ ސާދިގް ހާން ވިދާޅުވީ އެ ސިޓީއަށް "ރަނގަޅު، ފާގަތި ކުރިމަގެއް ބިނާކުރަން" މަސައްކަތް ކުރައްވާނެ ކަމަށެވެ.










