ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކުރީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އައިއީޑީ ބޭއްވި ސައިކަލްގެ ވެރިމީހާ ކަން "އަދަދު"އަށް ކަށަވަރުވެއްޖެ އެވެ.
މީގެ ތެރެއިން އެކަކު ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނުގަ އެވެ. އޭނާ ހައްޔަރުކުރީ ގަލޮޅު ފެހިދޯދިގޭގެ ކުއްޔަށް ދީފައިވާ ބައަކުންނެވެ. އެ ސަރަހައްދުން ސައިކަލެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަނެކަކު ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅިންނެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަން ފުލުހުންގެ ޓުވީޓަކުން ދެންމެ އޮތީ ކަށަވަރުކޮށްދީފަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އެ ހަމަލާއަށް ޝައްކު ކުރެވޭ ހަތަރު މީހަކު ވަނީ ދެނެގަނެވިފަ އެވެ.

ސައިކަލްގެ ވެރިޔާ ކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކުރިއިރު ގޮއްވާލަން ބޭނުންކުރި ސައިކަލްގައި ޖަހާފައި ހުރީ ސައްހަ ނޫން ނަމްބަރު ޕްލޭޓެކެވެ. ނަޝީދުގެ ހަށިކޮޅަށް ގެއްލުންދޭން ބޭނުންކުރި ސައިކަލްގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
އިތުބާރު ހިފޭ މަސްދަރަކުން "އަދަދު"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލުގައި ބޭނުންކޮށްފައި ހުރި AA0F P6758 ނަންބަރު ޕްލޭޓަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޕީ.ސީ.އެކްސް. ބްރޭންޑުގެ ސައިކަލެެއްގެ ނަންބަރު ޕްލޭޓެކެވެ. އެކަމަކު އެއްޗެއް ގޮއްވާލި ހާދިސާގައި މި ނަންބަރު ޕުލޭޓް ހަރުކޮށްފައި ވަނީ ވޭވް125 ސައިކަލެއްގަ އެވެ.

ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތަށެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ތަހުގީގު ކުރަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި، އިސްކަންދީގެން ކަމަށެވެ. ތަހުގީގު ދާއިރާ އިން ފޮރެންސިކްސްގެ ތެރެއިން އެ ސާވިސްގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތަހުގީގަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާ އިރު އޮސްޓްރޭލިއަން ފެޑްރަލް ޕޮލިސްގެ ދެ ތަޖުރިބާކާރުން މިހާރު ތިއްބެވީ ރާއްޖޭގަ އެވެ.













