ހަރުކަށި ފިކުރުގެ ގްރޫޕެއް ކަމަށްވާ، ބަންގްސަމޯރޯ އިސްލާމިކް ފްރީޑަމް ފައިޓާޒް (ބިފް) ގެ ހަނގުރާމަވެރިން ދެކުނު ފިލިޕީންސްގެ މިންޑަނާއޯ އައިލެންޑުގެ އަވަށެއް ހިފައިފި އެވެ.
އަލް ޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި މިއަދުގެ ވަގުތެއްގައި ހަނގުރާމަވެރިން އެ އަވަށަށް ވަދެ ގަނެ، އެ ތަނުގެ ކޮންޓްރޯލް ނެގުމުން ގިނަ އާއްމުން ދަނީ އެ ތަނުން ފިލޭތޯ މަސައްކަތް ކުރަމުންނެވެ.
ފިލިޕީންސްގެ ސިފައިން މިހާރު ވަނީ އެ އަވަށަށް ދެވެން ހުރި މަގުތައް ބަންދުކޮށް، އެ ތަނުން ހަނގުރާމަވެރިން ބޭރު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މިންޑަނާއޯ އައިލެންޑުގެ މަގުއިންޑަނާއޯ ޕްރޮވިންސުގައި ހުންނަ ދާތޫ ޕަގްލަސް އަވަށަށް ހަތިޔާރާ އެކު 200 އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ މިއަދު ފަތިހު ކަމަށް ދައުލަތުގެ ޓީވީ، ޕީޓީވީން ބުނެ އެވެ.
ޕީޓީވީން ބުނީ ބިފް ގްރޫޕުގެ ލީޑާޝިޕުގެ ތެރޭގައި ކޯޅުމެއް އުފެދިފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކޮމާންޑަރު ސުލައިމާން ތުދިންއަށް ސަޕޯޓު ކުރާ މެމްބަރުން އެ އަވަށް ހިފީ ކަމަށެވެ.
ފިލިޕީން ނިއުސް އެޖެންސީން ބުނީ އަވަށުގެ މައި މާރުކޭޓަށް ދެވެން އޮންނަ ހައިވޭ ބަންދު ކުރަން ހަނގުރާމަވެރިން ބޭނުން ކުރީ މުދާ އުފުލާ ބޮޑު އުޅަނދެއް ކަމަށެވެ.
މެކްސް އެފްއެމް ރޭޑިއޯއިން ސޯޝަލް މީޑިއާގައި ހިއްދާކުރި ވީޑިއޯއަކުން ފެންނަނީ ދާތޫ ޕަގްލަސް މާރުކޭޓަށް ދާން އޮންނަ ހައިވޭ ބަންދުކޮށްގެން ސިފައިން ތިބޭ މަންޒަރެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިތުރު ވީޑިއޯއަކުން ފެންނަނީ އެ އަވަށުން ކަޅު ދުންތައް އަރަމުން ދާއިރު، އާއްމުން ދުވެފައި ފިލަން މަސައްކަތް ކުރާ ތަނެވެ.
ފިލިޕީންސްގެ ކޮންގްރެސް މެމްބަރު އަދި މަގުއިންޑަނާއޯގެ ކުރީގެ ގަވަރުނަރު އިސްމާއިލް މަންގުދަދާތޫ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އާއްމުންގެ ރައްކާތެރިކަން ޔަގީން ކުރަން ކަމަށެވެ.
ފިލިޕީންސްގެ އެންމެ ބޮޑު އިސްލާމިސްޓް ހަނގުރާމަވެރި ގްރޫޕަކީ މޯރީ އިސްލާމިކް ލިބަރޭޝަން ފްރަންޓް (މިލްފް) އެވެ. އެ ގްރޫޕާ ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދާފައި ވާތީ ބިފްއިން އެކަން ގަބޫލެއް ނުކުރެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބިފްގެ މެމްބަރުންނަކީ ސުލްހައިގެ އެއްބަސްވުމާ މެދު ހިތްމަނުޖެހިގެން މިލްފްއިން ވަކިވި މީހުންނެވެ. ބިފްގެ ބައެއް މެމްބަރުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފާފަ އެވެ.










