ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ފަހު މަސްވެރިކަން ކުރުމުގައި ދަތިވާތީ ފްރާންސްގެ މަސް ބޯޓުތަކެއް ރުޅި އައިސްފައިވާ މައްސަލާގައި އިނގިރޭސި ވިލާތުގެ ދެ އަސްކަރީ މަނަވަރުން ދެ ގައުމު ގުޅޭ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އިނގިރޭސި ވިލާތާއި ފްރާންސާ ދެމެދުގައިވާ ޖާޒީ އައިލެންޑަށް ވަންނަ ބަނދަރުގައި ފްރާންސްގެ 80 މަސް ބޯޓު މިހާރު އެބަ އޮތެވެ. އެ މީހުން ހިތްހަމަނުޖެހުނީ އީޔޫއިން ވަކިވުމަށް ފަހު ކުރިން އޮތް ގޮތަށް އިނގިރޭސިންގެ ސަރަހައްދުގައި މަސް ބާނަން ހުއްދަ ނުދޭތީ އެވެ.
އިނގިރޭސިންގެ ޖާޒީ އައިލެންޑަށް ފޯރުކޮށްދޭ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފްރާންސުން އިއްޔެ ވަނީ ދީފަ އެވެ. މިދިޔަ ހަފްތާގައި އެ ރަށުން ވަނީ ފްރާންސްގެ ބޯޓުތައް މަސް ބާނަން މުޅިން އާ ނިޒާމެއްގެ ދަށުން ލައިސެންސް ދޫކުރަން ފަށާފަ އެވެ.
މަސްވެރިން ބުނަނީ އެ މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. އެހެންވެ ޖާޒީ އައިލެންޑުގެ ބަނދަރުގައި ބޯޓުތައް އޮތީ އިހުތިޖާޖަށެވެ.
ފްރާންސްގެ މަސްވެރިންނަށް ހުއްދަ ދޭ ގަވާއިދު ބަދަލު ކުރީ ކުއްލިއަކަށެވެ. އީޔޫއިން ބުނީ މި ހާލަތު ހަމައަކަށް އެޅުވުމަށް ޖާޒީ އައިލެންޑާއި އިނގިރޭސި ސަރުކާރުން އަވަސް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޖާޒީގެ ލޯކަލް ސަރުކާރުން އަލަށް އިއުލާނު ކުރި ގަވާއިދަކީ ޔޫކޭ-އީޔޫ ޓްރޭޑް އެންޑް ކޯޕަރޭޝަން އެގްރީމަންޓުގެ ދަށުން ހެދި ގަވާއިދެކެވެ. އެގޮތުން ލައިސެންސް ލިބޭނީ ކުރިން އެ ސަރަހައްދުގައި މަސް ބޭނި ފްރާންސްގެ ބޯޓުތަކުން އެކަމުގެ ހެކި ދެއްކުމުން ކަމަށް ގަވާއިދުގައި ވެއެވެ.
ނަމަވެސް އެކަމާ ގުޅޭ މައުލޫމާތު ކުރިން މަސް ބޯޓުތަކަށް ދީފައެއް ނުވެ އެވެ. އީޔޫއިން ވެސް ބުނީ އެ މައުލޫމާތު އިނގިރޭސި ވިލާތުން ހިއްސާ ނުކުރާ ކަމަށެވެ.
ޖާޒީގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ ފްރާންސްގެ 41 މަސް ބޯޓަށް ލައިސެންސް ދީފަ އެވެ. އެއީ ލޮކޭޓު ކުރެވޭ ޓެކްނޮލޮޖީ ހުރި ބޯޓުތަކެވެ. ނަމަވެސް ހުއްދަ ދޭނީ އިތުރު ޝަރުތުތަކެއް ހަމަވާ ބޯޓުތަކަކަށް ކަމަށް ބުނެ ގަވާއިދު ހެދީ އެއްވެސް ނޯޓިސްއެއް ނުދީ އެވެ.
ޖާޒީ އައިލެންޑަށް ބޭނުންވާ ކަރަންޓުގެ 95 ޕަސެންޓު ފޯރުކޮށްދެނީ ކަނޑުގެ އަޑިން ފްރާންސާ ގުޅިފައިވާ ކޭބަލްތަކުންނެވެ. އިއްޔެ ފްރާންސްގެ މެރިޓައިމް މިނިސްޓަރު އެނިކް ގިރާޑިން ޕާލިމެންޓުގައި ވިދާޅުވީ ޖާޒީ އައިލެންޑުން ހެދި ގަވާއިދު ބަލައި ނުގަނެވޭ ކަމަށާއި މަސްވެރިންގެ ހައްގު ހޯދަން ފިޔަވަޅު އަޅަން ޖެހޭ ނަމަ ފަސް ނުޖެހޭނެ ކަމަށެވެ.
އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ސަރުކާރުގެ ފުރިހަމަ ތާއީދު ޖާޒީއަށް އޮންނާނެ ކަމަށެވެ. އަދި ފްރާންސުން އެ ރަށަށް އެއްވެސް ދައްޗެއް ކޮށްފި ނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
އިނގިރޭސި ބޮޑު ވަޒީރުގެ އޮފީހުން ބުނީ ހާލަތު މޮނީޓާ ކުރުމަށް ދެ އަސްކަރީ މަނަވަރު ފޮނުވާފައިވާ ކަމަށެވެ.










