ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 2.3 ޕަސެންޓް މީހުން ކަމަށާއި އެއީ މަދު އަދަދެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 56 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ. ވެކްސިން ޖެހި މީހުންގެ ތެރެއިން ޕޮޒިޓިވްވީ 44 ޕަސެންޓް މީހުންނެވެ.
"ގިނައީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުން. ދެ ވަނަ ޑޯޒް ޖެހި މީހުން ވަރަށް މަދު އަދި،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހި މީހުންގެ ތެރެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ ވެކްސިން ޖެހިތާ ހަތަރު ހަފުތާ ވެފައިވާ މީހުންނެވެ.

ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ބަލިވެފައިވާ އިންސައްތައަކީ 2.3 އިންސައްތަ. އެހެންވީމަ ފުދޭވަރެއްގެ ކުޑަ އަދަދެއް އެހެންވީމައި ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ބަލިވެފައި މިވަނީ،-- އަފްޒަލް
އަފްޒަލް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ 160 މީހުންގެ ތެރެއިން 91 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 30 މީހުންނަށް ދެ ވަނަ ޑޯޒް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބާކީ 69 މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވާ އަށް މީހުންގެ ތެރެއިން ދެ މީހަކު ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު އެކަކު ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަ މީހަކު ވެކްސިން ނުޖަހާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"މީގެއިން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެއް ކަމަކީ ހާއްސަ ގޮތެއްގައި އެޑްމިޓްކުރާ ހާލަތުގައި މިތިބޭ އަޅުގަނޑުމެން މިކިޔާ ރިސްކް ގުރޫޕްގެ މީހުންނަކީ ވެކްސިން ދިނުމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭނެ ބައެއްކަން،" އަފްޒަލް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު އެލީނާ ވިދާޅުވީ ސިއްހީ ހިދުމަތްތެރީންގެ ދަތިކަން ވަރަށް ބޮޑުކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރަން ޖެހެނީ އެއް ބައެއް ކަމަށެވެ. ޕޮޒިޓިވްވުމަށް ފަހު ލަސްވާ ފަހުން ޓެސްޓް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން އަލާމާތްތައް ފެނުމާ އެކު އަވަހަށް ޓެސްޓް ކުރަން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ދެވޭނެ ވެކްސިނެއް ނެތްއިރު ކުދިންގެ ރައްކާތެރިކަމަށް އިތުރަށް ބެލުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ. މާބަނޑު ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އޮތީ އޭގެ ތެރެއިން އެކަކު ކަމަށް އެލީނާ ވިދާޅުވި އެވެ. އަނެއް ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ފެނުނު ފަހުން ގޯސްނުވާ މިންވަރަށް މާލޭގައި ބަލީގެ ހާލަތު މި އޮތީ ގޯސްވެ ބިރު ބޮޑުވެފަ އެވެ. މާލެއިން އެކަނި 540 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަތޮޅުތަކުން 186 މީހުންނާ އެކު ޖުމްލަ 734 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.












