ކޮވިޑުގެ ހާލަތު ގޯސްވަމުންދާ ނޭޕާލަށް އެސްޓްރަޒެނެކާ ވެކްސިނުގެ 1.6 މިލިއަން ޑޯޒް މިހާރު މިހާރަށް ބޭނުންވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލް، ސާމިރު އަދިކާރީ ވިދާޅުވީ އިތުރު ޑޯޒް ނުލިބިއްޖެ ނަމަ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޮލީ ވެސް އިއްޔެ އެދިވަޑައިގެންނެވީ ބައިނަލްއަގްވާމީ ފަރާތްތަކުން އެހީގެ ގޮތުގައި ވެކްސިން ފޯރުކޮށްދިނުމަށެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު ފަރުބަދަ މަތީގައިވާ ނޭޕާލުން މިހާތަނަށް ދެ މިލިއަން މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފަ އެވެ. އެއީ އިންޑިއާއިން އެހީގެ ގޮތުގައި ދިން އެސްޓްރަޒެނެކާ ވެކްސިނާއި ޗައިނާއިން ދިން ސިނޮފާމް ވެކްސިނެވެ.
ނަމަވެސް އިތުރު ސަޕްލައި ނުލިބި ހުއްޓުން އެރުމުން މިދިޔަ މަހުން ފެށިގެން ވެކްސިން ޕްރޮގްރާމު ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އިންޑިއާއަށް ވެސް ވެކްސިނުގެ ދަތިކަން ކުރިމަތިވެފައި ވުމާއެކު ނޭޕާލުން މިހާރު މަސައްކަތް ކުރަނީ ޗައިނާ އާއި ރަޝިއާއާ މަޝްވަރާކޮށްގެން ވެކްސިން ހޯދާށެވެ.
އިއްޔެ ނޭޕާލުގައި 7،388 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 37 މީހުން މަރުވި އެވެ. މިއީ ބަލިމަޑުކަން ފެށުނު ފަހުން އެ ގައުމުގައި ރިކޯޑު އަދަދެކެވެ.
ނޭޕާލުގައި ޖުމްލަ 343،418 މީހުން ޕޮޒިޓިވްވެފައި ވާއިރު، މަރުވީ 3،362 މީހުންނެވެ.










