ސީރިއާގެ ރިޔާސީ އިންތިހާބުގައި މިހާރު ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ދެ ކެންޑިޑޭޓަކު ވާދަ ކުރާނެ ކަމަށް އިއުލާނުކޮށްފި އެވެ.
ސީރިއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ހުއްދަ ދިން ދެ ކެންޑިޑޭޓުންނަކީ ކުރީގެ މިނިސްޓަރަކާއި އިދިކޮޅު ލީޑަރެކެވެ. ވާދަކުރަން އެދި 51 ފަރާތަކުން ކުރިމަތިލި ނަމަވެސް، އަސަދު އައްޔަނު ކުރައްވާފައިވާ ކޯޓުން ގިނަ މީހުންގެ ފޯމު ބާތިލް ކުރީ އެވެ.
މޭ 26 ގައި ބާއްވާ އިންތިހާބުން ކާމިޔާބު ހޯއްދަވާ، ހަތަރު ވަނަ ދައުރަކަށް ވެރިކަމުގައި އުމުރުން 55 އަހަރުގެ އަސަދު ހުންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ވާދަކުރުމުގެ ހުއްދަ ދިނީ 2016 އިން 2020 އަށް ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ސަލޫމް އަބްދުﷲ އާއި އިދިކޮޅުގެ މަހްމޫދު މަރެއި އެވެ.
ސީރިއާގެ މައި އިދިކޮޅު ލީޑަރުން ތިބީ ގައުމުން އަރުވާލާފަ އެވެ. އިންތިހާބުގެ ޝަރުތު އޮތް ގޮތުން އެ މީހުންނަށް ވާދައެއް ނުކުރެވޭނެ އެވެ.
\
މިއީ ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ބާއްވާ ދެ ވަނަ އިންތިހާބެވެ. މީގެ ކުރިން 2014 ގައި ބޭއްވި އިންތިހާބަކީ ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފު، ގާނޫނަށް ނުފެތޭ އިންތިހާބެއް ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކާއި އެމެރިކާ އައި އީޔޫއިން ބުނެފައި ވެ އެވެ.
ދެހާސް ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސްކަން ކުރައްވަމުން ގެންދަވާ ބައްޝާރުލް އަސަދު އެ އިންތިހާބު ކާމިޔާބު ކުރެއްވީ 92 އިންސައްތަ ވޯޓާ އެކު އެވެ.










