މިލާން (މެއި 1) - އިޓާލިއަން ލީގުގައި މިރޭ ފުލުގައި އޮތް ކްރޮޓޯނޭ އަތުން 2-0 އިން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން މޮޅުވެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލިއިރު، ފާއިތުވި 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުވެންޓަސް އަތުން ލީގު ގެއްލިއްޖެ އެވެ.
މިރޭގެ މޮޅާ އެކު އިންޓަ އެއް ވަަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 33 މެޗުން 68 ޕޮއިންޓް ހޯދާފައިވާ އެޓަލަންޓާ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އާއި ހަތަރެއްގައި އޮތް ޔުވެންޓަސް އަދި ފަސް ވަނައިގައި އޮތް އޭސީ މިިލާނަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާރޭ ސަސުއޯލޯ އަތުން ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް މޮޅެއް ނުހޯދިއްޖެނަމަ އިންޓަ އަށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
ޔުވެންޓަސް އިން 2012 އިން 2014 އާ ހަމައަށް ޖެހިޖެހިގެން ތިން އަހަރު ލީގު ޗެމްޕިއަންކަން ހޯދީ މިހާރު އިންޓައާ ހަވާލުވެހުރި ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުންނެވެ. ކޮންޓޭ އަށް ފަހު މެސިމޯ އަލެގްރީ 2014 ވަނަ އަހަރު ޔުވެންޓަސްއާ ހަވާލުވެ، ޖެހިޖެހިގެން ފަސް ފަހަރު އެ ޓީމަށް ލީގު ހޯދައިދިނެވެ. އެންމެ ފަހުން ޔުވެންޓަސް އަށް ތަށި ނަގައިދިނީ 2019 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހުރި މައުރީޒިއޯ ސާރީ އެވެ. މި ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވެ، ކުރީގެ ކުޅުންތެރިޔާ އަންދްރެއާ ޕިރްލޯ އަށް ކޯޗިންގެ ޅަފަތުގައި މާ އެދެވޭ މަސައްކަތެއް އަދި ނުކުރެވެ އެވެ.

ކްރޮޓޯނޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އެރިކްސަން (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކޮންޓޭ ބުނީ މި ފަހަރު އިންޓަ އިން ލީގު ކާމިޔާބުކޮށްފިނަމަ އެ ހާސިލްކުރަނީ ތާރީހީ ކާމިޔާބެއް ކަމަށާއި ލީގުގައި ޔުވެންޓަސް އިން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނައުމަކީ ހާސިލްކުރެވޭނެ ވަރަށް ބޮޑު ކަމެއް ކަމަށެވެ.
މާދަމާރޭ ސަސުއޯލޯ އަތުން ދެ ވަނައިގައި އޮތް އެޓަލަންޓާ މޮޅުވެއްޖެނަމަ ލީގު ކަށަވަރު ކުރަން ފަހު ހަތަރު މެޗުން އިންޓަ އަށް ބޭނުންވާނީ އެންމެ ޕޮއިންޓެކެވެ. ކޮންޓޭ ބުނީ ކޮންމެ ގޮތެއް ވިޔަސް ވިސްނުން ހުރީ ދެން ހުރި މެޗުތަކުން މޮޅުވުމަށް ކަމަށެވެ.
"އަހަރެން ކުޅުންތެރިން ގާތުގައި ބުނެފިން އަރާމްކުރަން. އެ މީހުން ހަމަޖެހިލައިގެން އެއްވެސް ޕްރެޝަރެއް ނެތި ހުންނަންވީ ވަގުތު މިއީ. ހަގީގަތުގައި މިދިޔަ އަހަރު ފެށިގެން ވަރަށް މަސައްކަތްކޮށްފި މި ގްރޫޕުން. ދެން އިތުރު ޕްރެޝަރެއް ދޭކަށް ނެތިން،" ކޮންޓޭ ބުންޏެވެ.
ރެލިގޭޝަނުގައި އޮތް ކްރޮޓޯނޭ އިން އަމިއްލަ ދަނޑުގައި މިރޭ އިންޓައާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިންޓަ އިން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން އެވެ. އިތުރު ވަގުތުގައި އިންޓަގެ އަނެއް ގޯލު ޖެހީ ފުލްބެކް އަޝްރަފް ހަކީމީ އެވެ.
އިންޓަ އިން ލީގުގެ ރޭހުގައި ތަފާތު ދައްކަން ފެށީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން ލީގުގައި 22 މެޗުން އިންޓަ މޮޅުވިއިރު، އެއްވަރުވީ ހަތަރު މެޗުންނެވެ. އަދި ބަލިވީ އެންމެ މެޗަކުންނެވެ. އިންޓަ އިން އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯ އެ ޓީމުގެ ކޯޗަކަށް ހުރިއިރު އެވެ. ޔުވެންޓަސް ނޫން ޓީމަކަށް އެންމެ ފަހުން އިޓާލިއަން ލީގުގެ ތަށި އުފުލާލީ 2011 ވަަނަ އަހަރު އޭސީ މިލާނުންނެވެ.












