ކޮވިޑްގެ ނުރައްކާ ބޮޑު ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ.
މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި ޖަލު އޮފިސަރުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވެސް މިރޭ ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ.
ޔާމީން ގެއަށް ބަދަލު ކުރުމުން ގިނަ ބަޔަކު އަންނަނީ ކޮވިޑް ފެތުރޭތީ ގެއަށް ބަދަލު ކުރަން ޖެހެނީ އެމަނިކުފާން އެކަނިތޯ ސުވާލު އުފައްދަމުންނެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުމުގެ ގޮތުން ހައި ރިސްކް ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ނިންމައިފައިވާ ކަމަށެވެ.
ގޭ ބަންދަށް ބަދަލު ކުރަނީ ކިހާ ގައިދީންނެއް އަދި ކޮންކޮން ޖަލުތަކަކުން ކަމެއް އަދި ކަރެކްޝަނަކުން އަދި ނުބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު، ރެއަކަށް ފަހު ރެއެއް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.













