ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 22 މީހަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެ ލިސްޓުގައި ހިމެނޭ 22 މީހުންގެ ތެރެއިން 14 މީހުންނަކީ ރަޝިއާ މީހުންނެވެ. ދެން ހިމެނެނީ ދެކުނު އެފްރިކާ، ދެކުނު ސޫދާން އަދި ލެޓިން އެމެރިކާއަށް ނިސްބަތްވާ މީހުންނެވެ.
އެ މީހުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މުދާ ހިފެހެއްޓުމާއި ދަތުރު ކުރުމަށް ހުރަސް އެޅުން ހިމެނެ އެވެ. މިއީ ބައިނަލްއަގްވާމީ ކޮރަޕްޝަނާ ގުޅުން ހުރި ބަޔަކާ ދެކޮޅަށް އިނގިރޭސިވިލާތުގައި ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން އިނގިރޭސިވިލާތަށް މުހިއްމު ދައުރެއް އަދާ ކުރެވިދާނެ ކަމަށާއި، އެ ގައުމަކީ ކޮރަޕްޓް މީހުންނަށް "މާމުއި ރުނބަލަކަށް" ވެފައިވާ ކަމަށެވެ.
އަލަށް އެކުލަވާލި އުސޫލުގެ ދަށުން ސީރިއަސް ކޮރަޕްޝަން މައްސަލަތަކުގައި ހިމެނޭ މީހުންނަށް އިނގިރޭސި ބޭންކުތައް މެދުވެރިކޮށް ފައިސާ ނުފޮނުވޭނެ އެވެ. އަދި އިނގިރޭސިވިލާތަށް ނުވަދެވޭނެ އެވެ.










