ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް މާޒިޔާގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ދެ ގޯލަކީ މި ފަހަރުގެ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލުތަކެެވެ. އެ މެޗުގައި ފޭދޫ އިއްބެ ދެއްކި ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ފޭދޫ އިއްބެ އެވެ.
ކުރީގެ ކްލަބް ޓީސީގެ ކޮޅަށް ޖެހި ދެ ގޯލުގެ ކުރިން ފޭދޫ އިއްބެ މި ސީޒަނުގައި ޖެހި ހަަމައެކަނި ގޯލަކީ މިދިޔަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކާމިޔާބުކުރި ގޯލެވެ. އެ މެޗުގައި އީގަލްސް ކޮޅަށް ފޭދޫ އިއްބެ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.
މި ފަހަރު ލީގުގައި ފޭދޫ އިއްބެ ފުރަތަމަ ކުޅުނު 10 މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޭނާ އަށް ލިބުނު ނަމަވެސް ގޯލެއް ޖެހުމުގެ ނަސީބު އޮތީ ދެރަކޮށެވެ. ގިނަ މެޗުތަކުގައި ހުސްކޮށް ލިބޭ ފުރުސަތުތައް އޭނާ އަށް ދިޔައީ ބޭނުމެއް ނުހިފި އެވެ. އެކަމަކު އެކަން ބަދަލުވީ ޓީސީއާ ދެކޮޅަށެވެ. ލަނޑު ނުޖެހުނު ކަމަށް ވިޔަސް ފޭދޫ އިއްބެ ވަނީ ލަނޑު ޖަހަން ހަތަރު ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން ފޭދޫ އިއްބެ.-- ފޮޓޯ: އެފްއޭއެމް
"ގޯލު ޖެހިއްޖިއްޔާ ކޮންފިޑެންސް އާދޭ. ދެން އެނގޭ ޓީމެއްގެ ގޮތުގައި ކުޅެފިއްޔާ ގޯލު ޖަހަން ޗާންސް އަންނާނެކަން. ޕްރެކްޓިހުގައި ވެސް ވަރަށް މަސައްކަތްކުރަން ގޯލު ނުޖެހޭ އެތި ނިމުމަކަށް ގެންނަން އެއީ ކަންނޭނގެ މި ފެނުނު އެއްޗަކީ،" އުމުރުން 27 އަހަރުގެ ފޭދޫ އިއްބެ ބުންޏެވެ.
މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ހަވާލުވި ފަހުން ގިނަ މެޗުތަކެއްގައި ފޭދޫ އިއްބެ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ފަހަކަށް އައިސް މާޒިޔާއާ ދެކޮޅަށް ގިނަ ޓީމުތަކުން އަންނަނީ ޑިފެންސިވްކޮށް ކުޅެމުންނެވެ. ފޭދޫ އިއްބެ ބުނީ ކޯޗުގެ އިރުޝާދާ އެކީ ކުޅެފިއްޔާ ލަނޑު ޖަހާނެ ފުރުސަތު ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ލިބޭނެ ކަމަށާއި މި ކުޅޭ ސިސްޓަމް ތެރެއިން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުން މުހިއްމުކަމަށް ފޭދޫ އިއްބެ ގަބޫލުކުރެ އެވެ.
އޭނާ ބުނީ ވިޑަކޮވިޗް މާޒިޔާ ލައްވައި ކުޅުވަން ބޭނުންވާ ސްޓައިލަށް ކުޅެން ވަރަށް ފަސޭހަކަމަށާއި މި ސިސްޓަމަށް ރަނގަޅަށް ކުޅެފިއްޔާ ބޭނުންވާ އެންމެ ރަނގަޅު ކުޅުން ވެސް ދެއްކޭނެ ކަމަށެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ މި ވަގުތު އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މާޒިޔާ އަށް ދެ ވަނަ ބުރުގައި ބާކީ އޮތީ ބުދަ ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހު ދެ ވަނަ ދުވަހު އީގަލްސްއާ ބައްދަލުކުރާ މެޗެވެ.











