ޓެކްނޮލޮޖީ އާއި ތަރައްގީގެ އެންމެ އުސް ހަރުފަތްތައް އިންސާނުން ގިރާ ކުރަމުންދާ މި ގަރުނުގައި، ޖައްވަށް މީހުން ފޮނުވުމާއި އެހެން ޕްލެނެޓުތައް ހިސޯރުކުރުމުގެ ރޭވުންތައް 2020 ވަނަ އަހަރު މަޑުޖައްސާލަންޖެހުނީ، ޗައިނާގެ ވޫހާނުގެ ހުއާނަން ސީފުޑް މާރުކޭޓަށް ވާލެއްގެ ރޯގާ ޖެހިފައި ހުރި އިންސާނަކު ވަން ހިސާބުންނެވެ.
އޭގެ ފަހުން އެ ރޯގާ، އިންސާނާގެ ނޭފަތާއި ކަންފަތާއި ލޮލާއި މި ނޫން ވެސް ގުނަވަންތަކަށް ފުންމައި، މީހަކަށް ފަހު މީހަކު ހިސޯރުކުރަމުން 139 މިލިއަނަށްވުރެ ގިނަ މީހުންގެ ބަލިކޮށް، އޭގެ ތެރެއިން ތިން މިލިއަން މީހުން، ގާތްގަނޑަކަށް އެންމެ އަހަރެއްގެ ތެރޭގައި ވަނީ މަރާލައިފި އެވެ.
ކޮރޯނާ ވައިރަސް ގިނަވަމުން ގިނަވަމުން ގޮސް މިހާރު އެ ވައިރަހުގެ ދެ ބިލިއަން ސެލް ކޮންމެ އެއް ވަގުތެއްގައި ދުނިޔޭގައި އުޅޭނެ ކަމަށް ސައިންޓިސްޓުން ވަނީ ލަފާކޮށްފަ އެވެ. މިއާއެކު މުޅި ދުނިޔޭގެ ސަމާލުކަން މި ހުއްޓިފައި ވަނީ ސިއްހީ ދާއިރާއަށެވެ.
އެއާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް މި ވަނީ ބާރު ބޮޑުވެފަ އެވެ. ތިރީގައި މި ވަނީ މިދިޔަ ދެ ތިން އަހަރެއްގެ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ހިސާބުތަކެވެ.
25,701
ދިވެހިރާއްޖޭން މިހާތަނަށް 25،701 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ އެވެ. އެނދުމަތިކޮށްގެން މިވަގުތު ވެސް ކޮވިޑު ޖެހިފައިވާ 72 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 22،791 މީހަކު ވަނީ ކޮވިޑުޖެހި އެއިން ރަނގަޅުވެފަ އެވެ. އެއީ ބަލި ޖެހުނު މީހުންގެ 88.68 ޕަސެންޓު މީހުންނެވެ. މިހާތަނަށް ކޮވިޑަށް މުޅި ދިވެހިރާއްޖޭން 689،276 ސާމްޕަލް ވަނީ ނަގައިފަ އެވެ. ބަލި ޖެހިގެން އަދާ ހަމައަށް މަރުވެފައި ވަނީ 66 މީހުންނެވެ.
7238
މިއަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖޭން 7238 އަންހެނުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެއީ އެ ދުވަހާ ހަމައަށް ބަލި ޖެހުނު މީހުންގެ ތެރެއިން 35.2 ޕަސެންޓު މީހުންނެވެ. އަންހެނުންގެ ތެރެއިން އެންމެ ގިނައިން ބަލި ޖެހިފައި ވަނީ 31 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އެންމެ މަދުން ބަލި ޖެހިފައި ވަނީ 81 އަހަރާއި 100 އަހަރާ ދެމެދުގެ މީހުންނަށެވެ.
40،537
ކޮވިޑް-19 އިންސާނެއްގެ ހަށިގަނޑުން ފެނުނު 2019 ވަނަ އަހަރު މުޅި ދިވެހިރާއްޖޭގައި 40،537 މީހަކަށް ވަނީ އެނދުމަތިކޮށްގެން ސިއްހީ ފަރުވާ ދީފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ މާލެއިން އެނދުމަތި ކުރި މީހުންނެވެ. އެއީ 26،963 މީހުންނެވެ. އެންމެ މަދުން މީހުން އެނދުމަތި ކުރީ އދ. އަތޮޅުންނެވެ. އެއީ 513 މީހުންނެވެ.
10،041
މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު، ގައިން ގަޔަށް ނާރާ އެންމެ ނުރައްކާތެރި ފަސް ބަލީގެ ޝިކާރައަކަށްވެފައިވާ 10،041 މީހުން ރާއްޖޭގައި ތިބި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ ހިތުގެ ބަލިތަކުގެ 2682 މީހުންނާއި ބަނޑުގެ ބަލިތަކުގެ 2430 މީހުންނާއި ކުޑަކަމުދާ ނިޒާމުގެ ބަލި ހުރި 2332 މީހުންނާއި ނޭވާލާ ނިޒާމުގެ ބަލި ހުރި 1561 މީހުންނާއި ކައްޓާއި ހުޅުތަކަށް ޖެހޭ ބަލީގައި އުޅޭ 1036 މީހުންނެވެ.
5169
ދިވެހިރާއްޖޭގައި 2019 ވަނަ އަހަރު އެކި ދާއިރާތަކުން ހިދުމަތް ކުރާ 5169 ސިއްހީ ދާއިރާގެ މަސައްކަތްތެރިން އުޅުނެވެ. އެއީ 1194 ޑޮކްޓަރުންނާއި 2913 ނަރުހުންނާއި ބަލިތައް ދަނެގަންނަން ހާއްސަ 590 އެލައިޑް ހެލްތު މުވައްޒަފުންނާއި 433 ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި 39 ފޫޅުމައިންނެވެ.
އޭގެ ތެރެއިން ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރަނީ އެންމެ 36 ޕަސެންޓު ދިވެހިންނެވެ. އެކަމަކު ނަރުހުންގެ ތެރެއިން 58 ޕަސެންޓު ނަރުހުންނަކީ ދިވެހިންނެވެ. އެލައިޑް ހެލްތު މުވައްޒަފުންގެ ތެރެއިން 48 ޕަސެންޓު މީހުންނަކީ ދިވެހިންނެވެ. އަދި ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ފޫޅުމައިންނަށް މުޅިން ވެސް އުޅެނީ ދިވެހިންނެވެ.
423
މިދިޔަ އަހަރުގެ ނިޔަލަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުރީ 423 އެނދެވެ. އޭގެ އެއް އަހަރު ކުރިން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ހުރީ 353 އެނދެވެ. އެ އަހަރު 67 ޕަސެންޓު އެނދުތައް ހުރީ ފުރިފަ އެވެ. އެކަމަކު 2020 ވަނަ އަހަރު ފުރުނީ އެންމެ 42 ޕަސެންޓު އެނދެވެ.
0
ވިހެއުމުގެ ތެރެއިން ރާއްޖޭގައި 2019 ވަނަ އަހަރު އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އެކަމަކު އެކަމަކު 2018 ވަނަ އަހަރު 4 މީހަކު މަރުވި އެވެ. އަދި އޭގެ ކުރިން 2017 ވަނަ އަހަރު ހަތް މީހުން ވަނީ މަރުވެ އެވެ.












