ޗައިނާގެ މާކެޓުގައި އެއް ކުންފުންޏަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ފައިދާ ލިބިގަތުމާ ދެކޮޅަށް އެކުލަވާލާފައިވާ "އެންޓި މޮނޮޕޮލީ" ގަވާއިދާ ހިލާފުވުމުން އަލީބާބާ ކުންފުނި 2.75 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މިއީ އެފަދަ ގަވާއިދަކާ ހިލާފުވެގެން ޗައިނާގައި ކުންފުންޏަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. އެ އަދަދަކީ 2019 ވަނަ އަހަރު އަލީބާބާއަށް ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓަށް ވާ މިންވަރެވެ.
އަލީބާބާއަށް ބޮޑު ޖޫރިމަނާއެއް އައިސްފައި ވާއިރު، ޗައިނާގެ ގަވާއިދުތަކަށް މިދިޔަ އޮކްޓޯބަރު މަހު ފާޑުކިޔުމާ ގުޅިގެން އެ ކުންފުނީގެ ފައުންޑަރު އަދި ބިލިއަނަރު ޖެކް މާއަށް އަންނަނީ ތަފާތު ފިއްތުންތަކާ ކުރިމަތިވަމުންނެވެ.
އަލީބާބާ ޖޫރިމަނާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ފެށި ތަހުގީގަކަށް ފަހު އެވެ. އެ ތަހުގީގުން އެނގުނު ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން މާކެޓުގައި ލިބިފައިވާ ކުރިއެރުމުގެ ބޭނުން ހިފާ އަލީބާބާއިން ދިޔެއީ އެ ކުންފުނީގެ ޕްލެޓްފޯމް ބޭނުންކުރާ ވިޔަފާރިވެރިންނަށް އެހެން އީކޮމާސް ޕްލެޓްފޯމުތައް ބޭނުން ކުރުމަށް ހުރަސްއަޅަމުންނެވެ.
އެކަމާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި އަލީބާބާގެ އެކައުންޓު މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ކުންފުނިން ބުނީ ތަހުގީގަށް ފަހު އައި ޖޫރިމަނާ ގަބޫލުކުރާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.










