އަމީރު ފިލިޕް: އޮރެންޖު ހުސްކުރި ފޮށިގަނޑުން ފެށި ދަތުރުގެ ނިމުން

ޕްރިންސް ފިލިޕް -- ފޮޓޯ: ގެޓީ އިމޭޖަޒް

ޕްރިންސް ފިލިޕް -- ފޮޓޯ: ގެޓީ އިމޭޖަޒް

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ފިރިކަލުން، ޑިއުކް އޮފް އެޑިންބަރާ، އަމީރު ފިލިޕް އުމުރުފުޅު 99 އަހަރުގައި އިއްޔެ ވަނީ އަވަހާރަވެ ވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ 70 އަހަރަށް ވުރެ ގިނަ ދުވަސް ރާނީގެ ފިރިކަލުންގެ ގޮތުގައި ދެމިހުންނަވައިގެން އިނގިރޭސިވިލާތަށް ހިދުމަތް ކުރައްވާފަ އެވެ.

ފިލިޕްގެ ހަޔާތްޕުޅުގައި ދިވެހިރާއްޖެ ހިމެނޭހެން 143 ގައުމަށް ވަޑައިގެންފައި ވެއެވެ. އެމަނިކުފާނު ފާހަގަވެފައިވަނީ ރާނީއަށް ވަފާތެރި ފިރިކަލެއްގެ އިތުރުން ކިޔަމަންތެރި ރައްޔިތެއްގެ ގޮތުގަ އެވެ.

ރަސްގެފާނުގެ ލަގަބު ލިބިވަޑައިނުގަންނަވާ "ރާނީގެ ފިރިކަލުން"

އިނގިރޭސިވިލާތުގައި އޮންނަ ގޮތުން ނަމަ ރާނީ އަވަހާރަވެ ވަޑައިގެންފި ނަމަ ތަހުތު ލިބިވަޑައިގަންނަވާނީ އެންމެ ދޮށީ ފިރިހެން ދަރިކަލުންނަށެވެ.

ރާނީއެއްގެ ފިރިކަލުންނަށް ރަސްގެފާނުގެ ގޮތުގައި މުހާތަބު ކުރުމެއް ވެސް ނޯވެ އެވެ. އެ ފަހުރު ދެވިފައި އޮންނަނީ ހަމައެކަނި ތަހުތު ވާރުތަވާ ފިރިހެން ރަސްކަލުންނަށް އެކަންޏެވެ.

އެއާ ހިލާފަށް ތަހުތުގައި އިންނަވާ ރަސްގެފާނާ ކައިވެނި ބައްލަވައިގެން އުޅުއްވާ އަންހެން ކަނބަލުންނަށް ރާނީގެ ގޮތުގައި މުހާތަބު ކުރުމަކީ މައްސަލައެއް ނޫނެވެ.

އެހެންކަމުން "ރާނީގެ ފިރިކަލުން"ގެ ގޮތުގައި 70 އަހަރަށް ވުރެ ގިނަ ދުވަސް ފިލިޕް ހޭދަކުރެއްވިއިރު، ރަސްކަމުގެ ލަގަބު އަދި މަގާމު ލިބިވަޑައިނުގަންނަވާނެ ކަން ސާފެވެ.

ފިލިޕް އާއި އެލިޒަބަތުގެ ކައިވެނި
ފިލިޕް އާއި އެލިޒަބަތުގެ ކައިވެނި

ފިލިޕް އާއި އެލިޒަބަތުގެ ކައިވެނި

ރާނީ އެލިޒަބަތު އާއި ފިލިޕްއަށް ހަތަރު ދަރިކަލުން ލިބިވަޑައިގެންނެވި އެވެ. އެއީ ޗާލްސް، 72، އޭން، 70، އެންޑްރޫ، 61 އަދި އެޑްވާޑް، 57 އެވެ.

އެ ހަތަރު ދަރިކަލުން ވެސް ވިދާޅުވެފައިވާ ގޮތުގައި ބައްޕާފުޅު ފިލިޕްއަކީ ހަރުކަށި ބޭފުޅެއް ކަމަށެވެ. އެގޮތުން ޒިންމާ އާއި އަހުލާގަކީ ބައްޕާފުޅު އިސްކަންދެއްވި ކަންކަން ކަމަށާއި ލޯތްބާއި އަޅާލުން ދެއްވީ މަންމާފުޅު ކަމަށް ފާހަގަކުރައްވާފައި ވެއެވެ.

އެ ހަތަރު ދަރިކަލުންގެ ފަރާތްޕުޅުން ފިލިޕްއަށް ވަނީ އަށް ކާފަ ދަރިކަލުން ވެސް ލިބިވަޑައިގެންފަ އެވެ.

އަމިއްލަ ގައުމުން ޖާގައެއް ނެތް، ދިރިއުޅުން އިނގިރޭސި ވިލާތަށް

ޝާހީ ގެކޮޅު ވިންޑްރާ ކާސްލްއާ ހަމައިން ނިމުނު ފިލިޕްގެ ދިރިއުޅުން އިނގިރޭސިވިލާތުގައި ފެށުނީ 1922 ވަނަ އަހަރު އޮރެންޖު ހުސްކުރި ފޮއްޓަކާ ހިސާބުންނެވެ.

ފިލިޕް އުފަންވެ ވަޑައިގެންނެވީ 10 ޖޫން، 1921 ގައި ގްރީސްގެ ރަށެއް ކަމަށްވާ ކޯފޫގަ އެވެ. އެމަނިކުފާނަކީ ގްރީސްގެ އަމީރު އެންޑްރޫ އާއި ބެޓެންބާގްގެ އަމީރާ އެލިސްގެ އެންމެ ހަގު ދަރިކަލުން އަދި ހަމައެކަނި ފިރިހެން ދަރިކަލުންނެވެ.

އެހެންކަމުން ފިލިޕްއަކީ އުފަންވެ ވަޑައިގެންނެވިއިރު ވެސް ގްރީސް އާއި ޑެންމާކުގެ އަމީރެވެ. ނަމަވެސް ފިލިޕް އުފަންވެ ވަޑައިގެންނެވިތާ އެއް އަހަރު ފަހުން ގްރީސްގައި ހިންގި ބަގާވާތަކަށް ފަހު އެ ގައުމުގެ ޝާހީ އާއިލާ ގައުމުން ބޭރުކޮށްލި އެވެ.

އެ އާއިލާއަށް ރައްކާތެރިކަމާއެކު އިޓަލީއާ ހަމައަށް ފޯރުނީ އިނގިރޭސި ވިލާތުގެ ހަނގުރާމަ މަތީ މަނަވަރެއްގަ އެވެ. އޭގައި ތުއްތު އަމީރު ފިލިޕް ނިދާފައި އޮންނެވީ އޮރެންޖު ހުސްކުރި ފޮއްޓެއްގަ އެވެ.

އެ ހިސާބުން އިނގިރޭސިވިލާތަށް ވަޑައިގެން ދިރިއުޅުން ކުރިއަށް ދިޔައީ އެތަނުގަ އެވެ. ނަމަވެސް ފިލިޕްގެ ކުޑައިރުގެ ހަނދާންތަކުގައި އާއިލީ އުފަލެއް ނެތެވެ.

ފިލިޕް މަންމާފުޅާއެކު.
ފިލިޕް މަންމާފުޅާއެކު.

ފިލިޕް މަންމާފުޅާއެކު.

އެމަނިކުފާނުގެ އުމުރުފުޅުން އެންމެ އަށް އަހަރުގައި 1930 ވަނަ އަހަރު މަންމާފުޅަށް ނަފްސާނީ މައްސަލަ ދިމާވެ، ސައިކިއެޓްރިކް ސެންޓަރަކަށް ލެވުނެވެ. ބައްޕާފުޅު ދިރިއުޅުއްވަމުން ގެންދެވީ އެހެން އަންހެނަކާއެކު ފްރެންޗް ރިވިއެރާގަ އެވެ.

އެހެންކަމުން ފިލިޕްގެ ހުރިހާ ކަމެއް ބެލެހެއްޓެވީ މަންމާފުޅުގެ އާއިލާގެ ބޭފުޅުންނެވެ. ފަހުން އެ އާއިލާއިން ވަނީ ފިލިޕް އެޑޮޕްޓް ކުރެއްވުމަށް ފަހު އާއިލީ ނަން "މައުންޓްބެޓަން" އަށް ފިލިޕްގެ ނަންފުޅު ވެސް ބަދަލުކުރައްވާފަ އެވެ.

ފިލިޕް ފެނުމާއެކު ރާނީ އެލިޒަބަތުގެ ޝައުގުވެރިކަން އުފެދުން

ފުރާވަރު އުމުރުގައި ފިލިޕް ދިރިއުޅުއްވީ ސްކޮޓްލެންޑްގެ ބޯޑިން ސްކޫލެއްގަ އެވެ. ސްކޫލު ނިންމެވުމަށް ފަހު ގުޅިވަޑައިގެންނެވީ އިނގިރޭސި ކަނޑުގެ ސިފައިންގެ އެކަޑަމީ އާއެވެ. އެތަނުން ކިޔަވައި ނިންމެވީ އެންމެ މޮޅު ދަރިވަރުގެ ގޮތުގަ އެވެ.

އޭރުގެ ރަސްގެފާނު ޖޯޖް ހަވަނަ 1939 ވަނަ އަހަރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވިއިރު، ދެ ދަރިކަނބަލުން ވެސް ވަޑައިގެންނެވި އެވެ. އެ ފަހަރު އަމީރާ އެލިޒަބަތު އާއި އަމީރާ މާގަރެޓްގެ ފޫހުފިލުއްވުމާ ހަވާލުވެ ވަޑައިގެންނެވީ ފިލިޕް އެވެ. އޭރު އުމުރުފުޅުން އެންމެ 13 އަހަރުގެ އެލިޒަބަތަށް، ފިލިޕް ވަރަށް ކަމުދިޔަ ކަމަށް ވެއެވެ.

އޭގެ ފަހުން ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ކަނޑުގެ ސިފައިންނާއެކު ހިދުމަތް ކުރެއްވި އިރު ވެސް އުމުރުފުޅުން 21 އަހަރުގެ ފިލިޕް ގެންދެވީ ސިޓީ މެދުވެރިކޮށް އެލިޒަބަތުއާ ވާހަކަފުޅު ދައްކަވަމުންނެވެ. ފިލިޕް އާއި އެލިޒަބަތުގެ ކައިވެންޏަށް ރަސްގެފާނުގެ ރުހުން ލިބިވަޑައިގެންނެވީ 1946 ގައެވެ.

އެލިޒަބަތު އާއި ފިލިޕް ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު.
އެލިޒަބަތު އާއި ފިލިޕް ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު.

އެލިޒަބަތު އާއި ފިލިޕް ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު.

އެއާއެކު ގްރީސް އާއި ޑެންމާނުގެ ރައްޔިތުކަން ދޫކުރެއްވުމަށް ފަހު ފުރިހަމަ އިނގިރޭސި ރައްޔިތަކަށް ވެވަޑައިގެންނެވި އެވެ. އަދި 20 ނޮވެމްބަރު، 1947 ގައި ފިލިޕް އާއި އެލިޒަބަތު ކައިވެނިފުޅު ކުރެއްވި އެވެ. އޭރު ފިލިޕްގެ އުމުރުފުޅުން 26 އެވެ. އަދި އެލިޒަބަތުގެ އުމުރުފުޅުން 21 އެވެ.

އުމުރުފުޅު 56 ގައި ރަސްގެފާނު އަވަހާރަވެ ވަޑައިގެންނެވުމާއެކު އެލިޒަބަތު ރާނީއަށް ވެވަޑައިގެންނެވީ ކައިވެނި ކުރެއްވިތާ އެންމެ ފަސް އަހަރު ފަހުންނެވެ. އެ ވަގުތު ކެންޔާގައި ހުންނެވި ފިލިޕްއަށް އެ ހަބަރު ލިބުމާއެކު ވަރަށް މާޔޫސްވެވަޑައިގެންނެވި ކަމަށް ވެއެވެ. އެއީ އަމިއްލަ މަސައްކަތްތައް ހުއްޓާލުމަށް ފަހު ރާނީއަކަށް ވެވަޑައިގެންނެވި އަނބިކަނބަލުން އެލިޒަބަތުގެ ހިދުމަތުގައި ހަޔާތްޕުޅު ގުރުބާން ކުރައްވަން ޖެހޭނެކަން އެނގިވަޑައިގެންނެވުމުންނެވެ.

ރާނީގެ ކޮންސޯޓުގެ މަގާމުގެ ލިބިވަޑައިގެންނެވި ފިލިޕްގެ މައިގަނޑު ޒިންމާއަށް ވެގެން ދިޔައީ އަނބިކަނބަލުންގެ މަސައްކަތުގައި އެހީވެދިނުމެވެ.

ޝާހީ ގަނޑުވަރު ޒަމާނީކޮށްދިނުމުގެ ބާނީ

ރާނީގެ ރަސްމީ ކެއުންތަކުގައި ބައިވެރިވުމަށް އެކި ދަރަޖައިގެ މީހުންނަށް ދައުވަތު ފޮނުއްވުމުގެ އިތުރުން ޝާހީ ގަނޑުވަރުގައި ދެ ބަދިގެ ހިންގާތީ އެތަނުން އެއް ތަން ބަންދުކުރަން ފިލިޕް އެންގެވި އެވެ. މުޅިން އަލަށް މީޑިއާގައި ޝާހީ އާއިލާއާ ގުޅޭ ޑޮކިޔުމެންޓްރީ ދެއްކުމުގެ ފަހަތުގައި ވެސް ހުންނެވީ ފިލިޕް އެވެ. 1969 ގައި ބީބީސީން ދެއްކި 90 މިނެޓުގެ އެ ޑޮކިޔުމެންޓްރީއަށް ކިޔަނީ "ރޯޔަލް ފެމިލީ" އެވެ.

ޑޮކިޔުމެންޓްރީގެ މަންޒަރެއް.
ޑޮކިޔުމެންޓްރީގެ މަންޒަރެއް.

ޑޮކިޔުމެންޓްރީގެ މަންޒަރެއް.

އޭގެ އިތުރުން ބަކިންހަމް ޕެލެސްގައި އިންޓަކޮމް ގާއިމްކޮށް، މުވައްޒަފުންނަށް ނޯޓު ހިފައިގެން އެއް ތަނުން އަނެއް ތަނަށް ދާން ނުޖެހޭ ގޮތް ހެއްދެވި އެވެ. އަދި އަމިއްލަފުޅު އަތްދަބަސް އަމިއްލަފުޅަށް އުފުއްލެވުމާއި ހެނދުނުގެ ވަގުތުގައި އަމިއްލަފުޅަށް ނާސްތާ ހެއްދުން ފަދަ ކަންކަން ވެސް ފިލިޕް ކުރެއްވި އެވެ.

ފިލިޕް ވަނީ 22،191 ފަހަރު ޝާހީ އެކި އިވެންޓުތަކިގައި ރާނީއާ ވަކިން ބައިވެރިވެ ވަޑައިގެންފަ އެވެ. 2017 ގައި ޝާހީ ޒިންމާއިން ރިޓަޔާ ކުރެއްވިއިރު، ރާނީ އާއެކު ރަސްމީ ދަތުރުތަކުގައި 143 ގައުމަށް ވަޑައިގެންފައި ވެ އެވެ. ފިލިޕްއަކީ ތިމާވެޓި ހިމާޔަތް ކުރުން ފަދަ ކަންކަމަށް ވެސް ލޯބިކުރެއްވި ބޭފުޅެކެވެ. އެގޮތުން ވޯލްޑް ވައިލްޑްލައިފް ފަންޑުގެ ރައީސްކަން ވެސް 1961 ގައި ކުރެއްވި އެވެ.

ޝާހީ އާއިލާގެ ކަންކަމުގެ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބަތު އާއި ފިލިޕްގެ ދިގު ކައިވެނިފުޅުގެ ސިއްރަކީ ހިނިތުންވުމެވެ. ކައިވެނީގެ ރަން ޔޫބީލްގައި ދެއްވި ބަޔާނުގައި ރާނީ ފިލިޕް ސިފަކުރެއްވީ މިހެންނެވެ.

"އެމަނިކުފާނަކީ ތައުރީފުގެ ބަސްތައް މާ އަޑުއައްސަވާ ހިތްވާ ބޭފުޅެއް ނޫން. ނަމަވެސް ސާފުސީދާކޮށް ދަންނަވާނަމަ، މި ވޭތުވެ ދިޔަ ހުރިހާ އަހަރުތަކެއްގެ ތެރެއިން، އަޅުގަނޑުގެ ހުރިހާ ވެސް ހިތްވަރަކީ އެމަނިކުފާނު އަދި އެމަނިކުފާނުގެ ހަމައެކަނި އާއިލާއަކީ އަޅުގަނޑު."

ފިލިޕް އާއި ރާނީ.
ފިލިޕް އާއި ރާނީ.

ފިލިޕް އާއި ރާނީ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox